ވިޔަފާރި

ދައުލަތް ހިންގުމަށް 6.4 ބިލިއަން ރުފިޔާ، ތަރައްޤީއަށް 1.6 ބިލިއަން ރުފިޔާ


ދައުލަތަށް ލިބޭ އާމްދަނީން އެންމެ ބޮޑު ޚަރަދެއްކުރަނީ ރިކަރަންޓް ނުވަތަ ދައުލަތުގެ ހިންގުމުގެ ޚަރަދަށްކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މޭމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން 6.4 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އަދި 1.6 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީއެވެ.

މޭމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 8.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން 6.4 ބިލިއަން ރުފިޔާ ނުވަތަ 79 އިންސައްތައަކީ ޚަރަދުކޮށްފައިވަނީ ދައުލަތް ހިންގުމަށް ޚަރަދަށެވެ. އޭގެ ތެރޭގައި މުސާރާއި އިނާޔަތާއި ޕެންޝަނާއި، ދައުލަތުގެ އޮފީސްތައް ހިންގުމުގެ ޚަރަދު ހިމެނެއެވެ.

8.5 ބިލިއަން ރުފިޔާއިން ކެޕިޓަލް ޚަރަދު ނުވަތަ ތަރައްޤީއަށް ޚަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ ނުވަތަ 21 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނޭ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 708 މިލިއަން ރުފިޔާއެވެ.

މޭމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ ލިބުނު ގޮތްތަކަށް ބަލާލާއިރު، ޓެކްސްގެ ގޮތުގައި ދައުލަތަށް 6.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 3.2 ބިލިއަން ރުފިޔާއާއި ބީޕީޓީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 339.3 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ 291.6 ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 294.1 މިލިއަން ރުފިޔާއާއި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވާ 466.1 މިލިއަން ރުފިޔާ ހިމެނެއެވެ.