ބީ.ޕީ.ސީ ސިސްޓަމް ބޭނުންކުރަން ފެށުމާއެކު ދައުލަތުގެ ބަޖެޓާ ގުޅޭ ކަންކަމުގައި އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް ފިނޭންސް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި ބުނީ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ބަޖެޓު މެނޭޖްކުރުން ހަރުދަނާކުރުމުގެ ގޮތުން ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަން، ބީ.ޕީ.ސީ ސޮފްޓްވެއަރއާއި ދައުލަތުގެ ހިސާބު ބަލަހައްޓަން ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރ އެ.ސް.އޭ.ޕީ އިންޓަރގްރޭޓްކޮށް ބީ.ޕީ.ސީ ސިސްޓަމް ލައިވް ކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި ބީ.ޕީ.ސީ ސިސްޓަމް ބޭނުންކުރަން ފެށުމާއިއެކު ދައުލަތުގެ އޮފީސްތަކުން ބަޖެޓް އެކުލަވާލައި، ބަޖެޓަށް ބަދަލު ގެނައުމާއި، އަހަރުގެ ކޭޝްފްލޯ އަންދާޒާ ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ބީ.ޕީ.ސީ ސިސްޓަމް ލައިވްވުމާއެކު އަހަރުތެރޭގައި ދައުލަތުގެ އޮފީސްތަކުން ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ކޭޝްފްލޯ އަންދާޒާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ރިކުއެސްޓްތައް ހުށަހަޅާނީ ބީޕީސީ ސިސްޓަމް މެދުވެރިކޮށެވެ. އަދި ބީ.ޕީސީ ސިސްޓަމް ލައިވްވުމާއި ގުޅިގެން ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓްތައް ބަލައިގަތުން ހުއްޓާލާފައިވާކަމަށް ފިނޭންސްއިން ބުނެއެވެ.
މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުގެ ބަޖެޓް ކޯޑްތަކުގެ ބާކީ ބަލަހައްޓާއިރު އަމަލުކުރާ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި މިސިސްޓަމް ބޭނުން ކުރަން ފެށުމުން، ކޭޝްފްލޯ އަންދާޒާ ބަދަލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާކަށް ނުޖެހޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީޕީސީ ސިސްޓަމް ލައިވް ނުކުރެވޭ އިދާރާތަކުން ބީ.ޕީ.ސީ މެދުވެރިކޮށް ކުރަންޖެހޭ ބަޖެޓާއި ގުޅޭ ކަންކަން ބަލަހައްޓާނީ އެއިދާރާގެ ކަންކަން ބަލަހައްޓާ މަސްއޫލުވެ ޒިންމާވާ އޮފީހަކުންކަމަށެވެ. އަދި ސިސްޓަމަށް ނުވަދެވޭ ކައުންސިލްތަކުން ބަޖެޓް ކަންކަމާއި ގުޅިގެން ފޮނުވާ ރިކުއެސްޓްތައް ސިސްޓަމަށް އެންޓަރ ކުރުމަށް ފޮނުވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.