ޚަބަރު

ކުނީގެ މައްސަލަ މިރޯދަމަހު ވަރަށް މަދު - ވެމްކޯ


މިދިޔައަހަރުގެ ރަމަޟާން މަހާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާންމަހު ކުނީގެ މައްސަލަތައް މަދުކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯއިން ބުނީ އެހެން ނަމަވެސް އާންމު މަސްތަކާ އަޅާބަލާއިރު މި ރަމަޟާންމަހު އުފެދޭ ކުނީގެ ނިސްބަތް މަދު ނޫންކަމަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން, ވެމްކޯއިން ކުނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެކޯޕަރޭޝަންގެ މެނޭޖަރ، ހައުސް ހޯލްޑް ކަލެކްޝަންސް މުޙައްމަދު ޝާން ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާންމަހު ކުނީގެ މައްސަލަތަކާއި ކުނި އުފެދޭ މިންވަރު ނިސްބަތުން މަދުކަމަށެވެ. އެހެންނަމަވެސް އެހެން މަސްމަހާއި އަޅާބަލާއިރު ކުނި އުފެދޭ މިންވަރު މި ރަމަޟާން މަހުވެސް އިތުރުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ޢާއްމު މަސްމަހު 60 ޓަނާއި 70 ޓަނާ ދެމެދުގެ ކުނި ނަގާއިރު ރަމަޟާންމަހު ކޮންމެ ދުވަހަކު 85 ޓަނާއި 95 ޓަނާ ދެމެދުގެ ކުނި މާލެއިން ނަގާކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި ނެގި ކުނީގެ ޢަދަދު އިތުރުވީނަމަވެސް ދެވަނަ ހަފްތާގައި ކުނި އުފެދުނު މިންވަރު މަދުކަން ވެމްކޯއިން ފާހަގަކުރެއެވެ. އެގޮތުން ފުރަތަމަ ހަފްތާގައި 607 ޓަނުގެ ކުނި ނެގިއިރު މި ޢަދަދު ދެވަނަ ހަފްތާގައި 500 ޓަނަށް މަދުވެފައިވާކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.

ރަމަޟާން މަހު ކުނި މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ވެމްކޯގެ މެނޭޖަރ، ހައުސް ހޯލްޑް ކަލެކްޝަންސް މުޙައްމަދު ޝާން ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މަސް ފެށުމުގެ ކުރިން މުޅި މާލެ ސާފުކޮށްފައިވާނެކަމަށެވެ. އަދި މާލެއިން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ކުނި ނަގަން ޖެހޭ މިންވަރު މަދުވާނެކަމަށް ކުރިން ލަފާކުރިނަމަވެސް އެއާއި ޚިލާފަށް ރަމަޟާން މަހުގެ ފުރަތަމަ 2 ދުވަހު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރޯދަމަހުގަ ދުވާލަކަށް އެބަޖެހޭ 85 ޓަނާއި 95 ޓަނާއި ދެމެދުގައި މިއުޅެނީ. އިތުރުވެފަމިވަނީ އެހެން މަސްމަހާއި އަޅާބަލާއިރު. ފުރަތަމަ ދެދުވަހުގެ ވާހަކަ މިދެންނެވީ އުކާލާ ސާމާނު. އެއެއްޗެހި ގާތްގަނޑަކަށް ޓޯޓަލްކޮށްލާއިރު ފުރަތަމަ ދެދުވަހު އުޅޭނެ 120 އަދި 130 ޓަނުގެ ކުނި އަޅުގަނޑުމެނަށް އުކާލެވިފައި ހުންނާނެ." ޝާން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު ކުނީ އިތުރުވެ މެނޭޖް ކުރުމުގައި ދަތިތަކެއް ދިމާވުމުން ޢާއްމުންގެ ޝަކުވާ ލިބުނުކަން ވެމްކޯއިންވަނީ ފާހަގަކޮށްފައެވެ. އެކަމަށްޓަކައި މިއަހަރުގެ ރަމަޟާން މަހަށް ވެމްކޯއިންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެހެންކަމުން މިދިޔަ އަހަރާ ޚިލާފަށް މިއަހަރު ޢާއްމުންގެ ޝަކުވާވެސް މަދުވެފައިވާކަމަށް އެކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެގޮތުން ޢާއްމު މަސްމަހު ހުށައަޅާ ޝަކުވާތަކަށްވުރެ ޝަކުވާ އިތުރުނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މި ރަމަޟާން މަހު ހުށައާޅާ ޝަކުވާތައް މަދުކަންވެސް ވެމްކޯއިން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް 200 އާއި ގާތްކުރާ ޢަދަދަކަށް ޝަކުވާ ލިބިފައިވީނަމަވެސް މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ޝަކުވާ އަންނަމުންދަނީ 70 އާއި 80 އާއި ދެމެދުގެ ޢަދަދަކަށްކަމަށް ވެމްކޯއިން ބުނެއެވެ.

ކުނި އުކާދިނުމުގެ ޚިދުމަތް ވެމްކޯއިން ދެމުން އަންނައިރު ބައެއް ގޭބިސީތަކުން އުކާލަން ނެރެފައިހުންނަ ކުނި ރަނގަޅަށް ބަންދުނުކޮށް ހުންނަކަން އަދިވެސް ފާހަގަކުރެވޭކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ވަނީ ކުނި އުކާލަން ބަހައްޓާއިރު ރަނގަޅަށް ދިޔަ ނުފައިބާނެގޮތަކަށް އަދި ތޫނު އެއްޗެހި އުކާލަން ނެރޭއިރު އެތަކެތި އުފުލާއިރު އަނިޔާނުވާނެހެން ބަންދުކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.