ޚަބަރު

ރިލުވާން ގެއްލުނު މައްސަލަ ތަހްގީގްކުރުން ފުލުހުން ހުއްޓައެއްނުލާ


ވީނުވީ ތަނެއް ނޭނގި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަދުވަހުގެރޭގެ
ވަގުތެއްގައި ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މާފަންނު ޝައިނިންގ
ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށާއި، މިމައްސަލަ ތަޙުޤީޤު ކުރުމުގެ
މަސައްކަތް ފުލުހުން ހުއްޓާލާނީ އޭނާއާއި ބެހޭ ޞައްޙަ މަޢުލޫމާތު އިތުބާރު
ހުރިގޮތެއްގައި ފުލުހުންނަށް ލިބި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި
ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.



މިކަމަށް ކިތަމްނެ ދުވަހެއް ހޭދަވެގެން ދިޔަނަމަވެސް ފުލުހުން މިމައްސަލަ
ތަޙުޤީޤު ކުރުން ހުއްޓާ ނުލާނެ ކަމަށާއި  އަދި
މިހާރުވެސް އޭނާގެ ތަޙުޤީޤުގެ މަސައްކަތް ފުލުހުން ހުއްޓާ ނުލައި ކުރިޔަށް ގެންދާ ކަމަށް
ފުލުހުން ބުނެއެވެ.



އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަކީ ދެހާސް
ސާދަވަނަ އަހަރު ފުލުހުންގެ ތަޙުޤީޤު ޓީމުތަކުން އެންމެ ބޮޑު އިސްކަމެއްދީ އެންމެ
ގިނަ ވަގުތު އެކަމަށް ހޭދަކޮށްފައިވާ އެއް މައްސަލަކަމަށެވެ. އަޙްމަދު ރިޟްވާން
ޢަބްދުﷲ ގެއްލިގެން މިހާތަނަށް މިވީދުވަސްތަކުގައިވެސް މިމައްސަލާގައި ލިބުނު
މަޢުލޫމާތަށް ބަލާއިރު އޭނާ ދުނިޔޭގައި ނެތްކަމުގެ އެއްވެސް ނިޝާނެއް ފެންނަން
ނެތް ކަމަށާއި، އެފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނާ ޙިއްސާ
ކޮށްފައެއްވެސް ނުވާ ކަމަށް ފުލުހުން ބުނެއެވެ.



މިމައްސަލާގައި ފުލުހުން ކުރަމުންދާ ތަޙުޤީޤަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް
މިމައްސަލައާއި ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައްވެސް ބަލަމުންދާ
ކަމަށާއި، މިގޮތުން ރިޟްވާން ޢަބްދުﷲ ގެއްލުނުކަމަށް ބެލެވޭ، މިދިޔަ އަހަރުގެ
އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހިނގިކަމަށް ބުނާ ޙާދިސާއާއި ގުޅޭ
ތިން ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލްނަގައި ފޮރެންސިކް ތަޙުލީލު ކުރުމަށް
ރާއްޖެއިން ބޭރަށް ފޮނުވައި އޭގެ ބައެއް ތަޙުލީލު ތަކުގެ ނަތީޖާ ރިޕޯޓް
ފުލުހުންނަށް ލިބިފައި ވުމާއެކު ތަޙުޤީޤު ޓީމުން މިހާރު ދަނީ އެރިޕޯޓްތައް
ދިރާސާކޮށް އެއިން ލިބެންހުރި މަޢުލޫމާތު ތަކަށް ބަލައި ތަޙުޤީޤު އިތުރަށް
ކުރިޔަށް ގެންދާނެ ގޮތް ދިރާސާ ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ. މިމައްސަލައިގެ
ތަޙުޤީޤުގައި މިހާތަނަށް 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި ސަތޭކަ
އަށާވީހަށް ވުރެ ގިނަމީހުންގެ ތަޙުޤީޤު ބަޔާން ވަނީ ނެގިފައިވާކަމަށްވެސް ފުލުހުން
ހާމަކުރެއެވެ.  ހުޅުމާލޭގައި ރިޟްވާން
ޢަބްދުﷲ އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި ހަތްދިހަ ހަތް  އެޕާޓްމަންޓްގައި އުޅޭ ގިނަ ބައެއްގެ ފަރާތުން
މަޢުލޫމާތު ހޯދައި އެއްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.