ރިޕޯޓް

މީލާދީން 17 ވަނަ ޤަރުނުގައި ދިވެހީންގެ ރޯދަމަސް - ޕިރާޑުގެ ގަލަމުން


ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ޤައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޤައުމެކެވެ. ވަކިން ޙާއްސަކޮށް ރަށުން ބޭރުން އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގައި ދިވެހިންވަރެއް ނެތެވެ.

މިކަން ރާއްޖެއަށް އެކިދުވަސްވަރު ދަތުރުކުރި ދަތުރުވެރިންނާއި، ތާރީޚީ ޢިލްމުވެރިންނާއި، ރާއްޖެއާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. ރާއްޖެއާ ބެހޭގޮތުން މިފަދަ ލިއުންތައް ލިޔުއްވި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މަޝްޙޫރު އެއް ބޭފުޅަކީ ފަރަންސޭސިވިލާތުގެ ފްރާންސުއާ ޕިރާޑެވެ.

ޕިރާޑު ދަތުރުކުރަމުންދިޔަ ނައު ބ. ގޮއިދޫ ފަރަށް އުރިފައިވަނީ އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ރަސްކަމުގައި މީލާދީން 1602 (17 ވަނަ ޤަރުނު) ގައެވެ. އެއަށްފަހު ގާތްގަނޑަކަށް ރާއްޖޭގައި ޕިރާޑު ހޭދަކުރެއްވި ހައެއްކަ އަހަރުގެ ތެރޭގައި އޭނާ ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކަކަށް ދަތުރުކުރައްވާ އެރަށްރަށުން ދިވެހީންގެ ފުށުން ފެނުނު ތަފާތު އާދަކާދައިގެ މައްޗަށް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައެވެ. މީގެ ތެރެއިން މި ބަލާލަނީ މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި ރަމަޟާން މަހަށް ޙާއްސަކޮށްގެން ދިވެހިން ކޮށްއުޅުނު ކަންކަމުގެ މައްޗަށެވެ.

ރޯދަމަހަށް ޙާއްޞަ ކަންކަން:

ޕިރާޑު ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ރެއާއި ފުރަތަމަ ދުވަހު އެހެން ހުރިހާ މަހަކަށްވުރެ ދިވެހިންގެ އަޅުކަމާއި ރަސްމިއްޔާތުތައް މާބޮޑެވެ. އަދި މުލަރޯދަވިލޭރޭ އަންހެނުންނާއި ފިރިހެނުން ބައިބަޔަށް ތިމާގެ މީހުންނާއި ރަށްޓެހިންގެ ގޭގެއަށްގޮސް އެންމެން އެކުގައި ކައި މަޖާކުރުމާއި، ނެށުމާއި އެނޫންވެސް މުނިފޫހިފިލުވުމުގެ ކުޅިވަރުތައް އޮވެއެވެ. އަދި ފަޖުރުލުމާއި ކައިރިވަންދެން މިކަން ދެމިއޮވެއެވެ. މިކުޅިވަރުތައް ފެށުމުގެ ކުރީން އެންމެ އިސްކަމެއްގެ ގޮތުގައި ދިވެހިން ކުރަނީ ހިނައި ޠާހިރުވުން ކަމަށްވެސް ޕިރާޑު ލިޔެފައިވެއެވެ.

17 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިން ރަމަޟާން މަހަށް ވާ ޚާއްޞަ ތައްޔާރީތަކަށް ބަލާއިރު ގޯތިގެދޮރު ސާފުކުރުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެގޮތުން ރޯދަމަސް ކައިރިވަމުން އަންނައިރު ބަދިގޭގައި ގެންގުޅޭ ސާމާނާއި، ބަދިގެތެރެ ދޮވެ ސާފުކުރަނީ ވަރަށްވެސް ރައްކާތެރިކަމާއި ފުރިހަމަކޮށެވެ. އަދި ގޯއްޗާއި، ފަރުނީޗަރު ދޮވެ ސާފުކުރަނީ ވަރަށް ތަރުތީބުންނެވެ. އެންމެ ފަޤީރު މީހާވެސް ރާއްޖޭގައި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކަންކުރަނީ މިފަދައިނަކަމަށް ޕިރާޑުވަނީ ލިޔުއްވާފައެވެ.

ޕިރާޑު ލިޔެފައިވާގޮތުން އިހުގައި ދިވެހިންނަކީ ރަމަޟާން މަހަށް ކާބޯތަކެތި ރައްކާކުރުމުގައިވެސް ވަކި ގޮތްތަކެއް ގެންގުޅޭ ބައެކެވެ. މި މަސައްކަތް ދިވެހިން ކުރަނީ ތިމާގެ މީހުންނާއި، ރައްޓެހިންނާއި، ތަންގަނޑު މީހުންނާއި އެއްފެންވަރުގެ އެންމެން އެކުވެގެންނެވެ. މިކަމުގައި ދިވެހީންނަކީ އެންމެ ގޮތްހުރި އަދި އެންމެ ތާހިރު މީހުންގެ ގޮތުގައި ޕިރާޑު ސިފަކުރައްވާފައިވެއެވެ. އަދި ދިވެހިންނަކީ ހަމަސް ދުވަހުގެ ތެރޭގައި ކުރާ ޚަރަދަށްވުރެ ބޮޑު ޚަރަދެއް ހަމައެކަނި ރޯދަމަހު ކުރާ ބައެއްކަންވެސް ޕިރާޑު ވަނީ ފާހަގަކުރައްވާފައެވެ.

ރަދުން ދެއްވާ ޖާފަތް:

މިއީވެސް އެދުވަސްވަރު ރަމަޟާންމަހަށް ޙާއްސަކޮށްގެން ވަކި ތަރުތީބަކުން ކޮށްއުޅުނުކަމެކެވެ. ބައެއް ފަހަރު ވަރަ ގިނަ މީހުންވެސް ގަނޑުވަރަށް ގެންގޮސްގެން ރަދުން ކާންދެއްވައެވެ. ބައެއް ދުވަސްތައް ކިލެގެބޭކަލުންނާއި އެދަރަޖައިގެ އެހެން ބޭފުޅުންނަށް ޙާއްސަކުރެއެވެ. އަދި މަޖިލީހަށް އަރާ ބޭކަލުންނާއި ހަގުބޭކަލުންނާއި، ފަޑިޔާރުންނާއި، ކަތީބުންނާއި މުދިމުންނަށްވެސް ވަކިވަކިން ދަޢުވަތު ދެއްވައިގެން ޖާފަތް ދެއްވައެވެ. އަދި މިގޮތުގެ މަތީން އެބައެއްގެ ދުވަހު ރަދުންގެ ފަރާތްޕުޅުން ދަޢުވަތު ނުދެއްވާ އެއްވެސް ބަޔަކު އެރަށަކު ނޫޅޭނެއެވެ.

މި ޖާފަތްތަކަކީ ވަރަށް ބޮޑު ޚަރަދެއްކޮށްގެން، އެތަނެއްގެ އާދަކާދަހުރި ގޮތެއްގެމަތިން ވަރަށް ފުރިހަމަކަމާއެކު ތަރުތީބުން ކުރާކަމެކެވެ. އެއް ދަރަޖައެއްގެ އެއް ފެންވަރެއްގެ މީހުންނާ އެކުގައި ނޫނީ ކެއުމުގެ ޖަމާޢަތެއްގައި އެދުވަސްވަރު ދިވެހިންނެއް ބައިވެރިއެއްނުވެއެވެ. މިއީ ވަރަށް ވިސްނުންތެރިކަމާއެކު ބަލަހައްޓާ ޤަވާއިދެކެވެ. މިއީ އެންމެ ދެރަ ނިކަމެތި މިހާއިން ފެށިގެން އެންމެ މަތީދަރަޖައިގެ މީހުންވެސް ބަލަހައްޓަންޖެހޭ އަދި ބަލަހައްޓަމުން ގެންދިޔަ އާދައެއްކަން ޕިރާޑު ވަނީ ފާހަގަކުރައްވާފައެވެ.

މި ޖާފަތްތަކުގައި މުޅިންވެސް ބައިވެރިވަނީ ފިރިހެނުންނެވެ. އަންހެނަކު މިފަދަ ޖާފަތެއްގައި ބައިވެރިއެއްނުވާނެއެވެ. ނަމަވެސް ރޭގަނޑު އެކަކު އަނެކަކަށް ހެދިކާއާއި ހަދިޔާ ފޮނުވުމަކީ އަންހެނުން ކޮށްއުޅުނު ކަމެކެވެ.

ރަމަޟާންމަހުގެ ވަޢުޡު

ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 3 ޖަހާއިރު ފަޑިޔާރުމީހާ ވަޢުޡު ބުނާނެއެވެ. މިކަން ދެގަޑިއިއަށް ދެމިގެންދާނެއެވެ. ބައެއް ދުވަސްދުވަހު މިކަން މިސްކިތުގައި ކުރާއިރު އަނެއްބައި ދުވަސްދުވަހު ރަސްގެފާނުގެ ގަނޑުވަރުގައި ނުވަތަ ފަޑިޔާރުމީހާ ހުންނަ ގޭގައި މިކަން ކޮށް އުޅެއެވެ.

މިއީ މިހާރުގެ ގޮތުންނަމަ އިޙްޔާ ފޯރަމްތައް ކުރިއަށްގެންދާ އުޞޫލުން އިސްލާމީ ރިވެތި އަދަބުތަކަށް ދިވެހިން ހޭލުންތެރިކުރުވާ، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނާމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރާކަމެކެވެ.

އާއްމުގޮތެއްގައި ވަޢުޡު ބުނަނީ ދިވެހި ބަހުންނެވެ. ނަމަވެސް ބައެއްފަހަރު ޢަރަބި ބަހުން ކިޔުމަށްފަހު ތަރުޖަމާކޮށްދޭކަމަށްވެސްވެއެވެ. މާލޭގެ އެންމެންވެސް މިއަޑުއަހާން ދިއުމަކީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރާކަމެކެވެ.

ރޯދައާއި ގުޅިގެން ދިވެހިންގެ ޝައްކާއި ވަހުމު:

އެ ދުވަސްވަރު ދިވެހިންގެ މެދުގައި ޝައްކާއި ވަހުމު ބޮޑުކަމުން ރޯދަ ގެއްލުމަކީ ދާދި ފަސޭހައިން ވެދާނެކަމެއްކަމަށް ޤަބޫލުކުރެއެވެ. އެގޮތުން ހަށިގަނޑުގެ ކޮންމެތާކުން ލޭފޮދެއް ބޭރުވެއްޖެނަމަ ރޯދަ ގެއްލިދާނެކަމަށް ޤަބޫލުކުރެއެވެ. ކާއެއްޗެއްގެ ރަހައެއްވެސް ނުބަލައެވެ. ރޯދައަށް ހުންނަ ވަގުތު އަނގައެއްވެސް ނުދޮވެއެވެ. އިނގިލިވެސް އަނގަޔަކަށް ނުލައެވެ. ކުޑަމިނުން ކުޅުތިކެއް ދިރުވާލެވިގެންވެސް ރޯދަ ގެއްލިދާނެކަމަށްބަލައި އެންމެ ކުޅުތިކެއްވެސް ނުދިރުވާ އިރުއިރުކޮޅުން ކުޅުޖަހާކަމަށްވެސް ވެއެވެ.

ފިރިހެނުން ދުވާލު ފެންވަރާއިރު އޭނާގެ ބޯ ފެނުތެރެއަށް ގަންބައިގެން ނުވާނެއެވެ. އެއީ ފަހަރެއްގައިވެސް ކަންފަތުން ނޫނީ އަނގައިން ފެންތިކެއް އެތެރެޔަށް ހިނގައިދާނެތީއެވެ. ވަކިން ޙާއްސަކޮށް އަންހެނަކު ފެންގަނޑަކަށް އެރި ފެންވެރުމަކީ އެދުވަސްވަރު މަނާކަމެކެވެ. މީގެއިތުރުން ރޯދަމަހު މަސައްކަތަށް ގޮސް އުޅުމަކީ ދިވެހިން އޭރުކޮށްއުޅުނު ކަމެއްނޫނެނެވެ. މިއީ މަނާކަމެއް ނޫން ނަމަވެސް އެދުވަސްވަރު ރަށުން ބޭރަށް ދަތުރުވެސް ނުކުރާކަމަށްވެއެވެ.

#ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތު ނަގާފައިވަނީ "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" މި ނަމުގައި ޕިރާޑު ލިޔެފައިވާ ލިޔުން މުޙައްމަދު އިސްމާޢީލް ދީދީ ދިވެހިބަހަށް ކޮށްފައިވާ ތަރުޖަމާއިންނެވެ.