ރިޕޯޓް

ބަރަހަނާ ސައިޓްތައް ބްލޮކް ކުރުން ސީރިއަސްތަ؟


އިންޓަރނެޓް މެދުވެރިކޮށް ބަރަހަނާ
މަންޒަރު ދައްކުވައިދޭ އެކިއެކި ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެދުމަށް
ޕްރޮސެކިއުޓަރ ޖެނަރަލް  ހޯމް މިނިސްޓަރަށް
އަންގާފައިވަނީ ފެބްރުއަރީ މަހުގެ އެގާރަވަނަ ދުވަހުއެވެ. ޕީޖީ މުހްތާޒް މުހުސިން،
ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީ އެއްގައި
ވިދާޅުވެފައިވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވަސީލަތްތަކުގެ ސަބަބުން ތަފާތު
އެކި އެކި ކުށްތަކަށް މަގުފަހިވާކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ އިސްލާމީ
އުސޫލްތަކާއި  މުޅިން ޚިލާފް ކަންތައް ކަމަށްވެފައި
މުޖްތަމައުގެ އަޚްލާގް ދެމެހެއްޓިގެންދަނީ ކުށްތަކަކަށް މަގުފަހިވާ ކަންކަން
ހުއްޓުވިގެން ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެފަދަ ސައިޓްތަކަށް ވަނުން
ހުއްޓުވުމަށްޓަކާ ފިޔަވަޅު އަޅާދިނުމަށާއި އަޅާ ފިޔަވަޅުތައް އަންގާ ދިނުމަށްވެސް
ޕީޖީ އެދިވަޑައިގެންފައިވެއެވެ. މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓްރީން މިކަން
ތަންފީޒުކުރުމަށް އަންގާފައިވަނީ ރާއްޖޭގެ މުއާސަލާތުގެ ޚިދުމަތް ރެގިއުލޭޓްކުރާ ޓެލެ
ކޮމިއުނުކޭޝަން އިތޯރިޓީއަށެވެ.



ޕްރޮސެކިއުޓަރޖެނެރަލް
ކަންބޮޑުވުން ފާޅުކުރައްވައި އަދި ބަރަހަނާ ސައިޓްތައް މަނާކުރުމަށް އަންގާފައިވަނިކޮށް
ދާދިފަހުން މިވަނީ އިންޓަރނެޓްގެތެރެއިން ބަރަހަނާ ފޮޓޯތައް ކުޑަކުދިންނަށް
ދައްކައި ގިނަ އަދަދެއްގެ ކުޑަކުދިން އެއްޖިންސުންގުޅުން ހިންގުމުގެ ހަޑިމުޑުދާރު
އަމަލުތަކެއް ހިންގަމުންގެންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސްފައެވެ. މީގެކުރިންވެސް މިފަދަ އެތައް ހާދިސާތަކެއް ހިގައި ފަޅާއަރާފައިވެއެވެ.



ރާއްޖެއަކީ ސައްތައިން ސައްތަ
އިސްލާމީ ގައުމަކަށްވީނަމަވެސް ބަރަހަނާ ސައިޓްތަކަށް ވަނުމުގައި ރާއްޖޭގައި އޮންނަނީ
އިމެއް ނެތް މިނިވަންކަމެކެވެ. އެކަމަކީ އެކަމާއި ދެކޮޅަށް މާކަބޮޑު ބަހުސްތަކެއް
ހިނގާކަމެއްނޫނެވެ. ކިރިޔާ ހޭޖެހޭ އުމުރަށް އަރާ ކުއްޖާއަށް ބަރަހަނާ ސައިޓްތަކަށް
ވަދެ، ސިކުނޑި ބައްޓަންކުރުމުގެ ދޮރުތައް އަތުގައި އޮންނަ މޯބައިލް ފޯނާއި
ޓެބްލެޓާއި ކޮމްޕއުޓަރުން ފަހިކޮށްދެވިފައި އޮންނަކަން ޚުދު ބެލެނިވެރިންނަށްވެސް
އެގެއެވެ.



ފުލުހުންބުނަނީ ރާއްޖޭގައި
ޅައުމުރުގެ ކުދިން ކުށްތަކަށް އަރައިގަންނަ އެންމެ ބޮޑު އެއްސަބަބަކީވެސް މިފަދަ
ބަރަހަނާސައިޓްތަކަށް ވަނުމުގެ ފުރުސަތު އޮތުންކަމަށެވެ. ބަރަހަނާ ވީޑިއޯ
ބޭނުންކޮށްގެން ރާއްޖޭގައި މީހުން ބްލެކްމެއިލްކުރުމަކީ އެއްވެސް ކަމެއްނޫނެވެ.
އެއްވެސް ހުރަހެއް އެކަމަކަށްނުވެއެވެ. ސިޔާސީގޮތުން ރާއްޖޭގައި މީހުން
ވަށްޓާލުމަށްޓަކާވެސް ކުޅޭ އެންމެ އާއްމު އުކުޅަކީ މީހާގެ ބަރަހަނާ ވީޑިއޯތައް
ހާމަކުރުމެވެ. މީހުން ބްލެކްމެއިލްކުރާ މީހުންނަށް އޮތީ އޮތީ އިމެއްނެތް
މިނިވަންކަމެކެވެ. ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ.



ބަރަހަނާ ސައިޓްތައް ރާއްޖޭގައި
މަނާކުރުމަށް ޕްރޮސެކިއުޓަރޖެނެރަލް އަންގަވާފައިވީނަމަވެސް އެއީ ރާއްޖޭގައި އަދި
ކުރަން އެހާ ފަސޭހަ ކަމެއް ނުވާނެކަމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އޮފިޝަލުން
ވިދާޅުވެއެވެ.



ޓެލެކޮމިއުނުކޭޝަން އޮތޯރިޓީގެ
ސީއީއޯ އިލްޔާސް އަޙްމަދު ވިދާޅުވީ، ބަރަހަނާ 
ފޮޓޯއާއި ވީޑިއޯ ހުންނަ ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެދުމުގެ ކުރިން
ހަދަންޖެހޭ ޓެކްނިކަލް ދިރާސާތަށް ކުރިއަށްދާކަމަށެވެ. ނަމަވެސް އަމަލީ ސިފައެއް
އެކަމަށް އަންނާނެ ދުވަހެއް އަދި ނޭނގޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މީގެ
ކުރިންވެސް އެފަދަ  ބައެއް
ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހެދުމަށް ރާއްޖޭގެ އެންމެ ބޮޑު ދެ
ނެޓްވޯކްކަމަށްވާ އުރީދޫއާއި، ދިރާގަށް އަންގަންޖެހޭ އެންގުންތަށް އަންގަމުން
ގޮސްފައިވާކަމަށެވެ.



ދިރާގުގެ އޮފިޝަލަކު ވިދާޅުވީ
އެފަދަ އެންގުންތަކެއް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ލިބިފައިނުވާކަމަށެވެ.
ނަމަވެސް ކުޑަކުދިންގެ ބަރަހަނާ ސައިޓްތަކަށް ނުވަދެވޭގޮތަށް މިހާރުވެސް ބްލޮކްކުރެވިފައިވާނޭކަމަށް
ވިދާޅުވިއެވެ. އުރީދޫއިން ބުނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އެންގުން
އެކުންފުންޏަށް ލިބިފައިވަކަމަށާއި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އުރީދޫއިން
އަޅަމުންދާކަމަށެވެ.



ފުލުހުންބުނަނީ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ހިމެނޭ ވެބްސައިޓްތަކަށް
ވަނުން ހުއްޓުވުމަށްޓަކައި
ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން އާންމުންވެސް ގުޅިގެން މަސައްކަތްކުރަންޖެހިފައިވާކަމަށެވެ.