ޢީދު ބަންދާދިމާކޮށް އެކި ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އާންމުކޮށް މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިޔުމުގައި ސީއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި ވަނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން ފެނުގެ ޒަރިއްޔާއިން ފެތުރިދާނެ ބަލިތަކަށްވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ފަސޭހައިން ފެތުރެމުންދާ ބަލިތަކަށް ސަމާލުވެ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ޑެންގީ ހުމާއި ޗިކުންގުންޔާއާއި ބޭރަށް ހިންގުމާއި އަދި އަރުދަފުސް ރޯގާފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ބަލިތަކަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކެއްކަމުން އެކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ދިމާވެދާނެކަމަށް ބަލައި އެފަދަ ޙާލަތެއްގައި ފެތުރިދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ފެންބޮޑުވެ ނަރުދަމާ ނުވަތަ ޖަންކްޝަންތަކަށް މައްސަލަ ދިމާވެއްޖެނަމަ ފެންވެރުމަށާއި އެނޫންވެސް ބޭނުންތަކުގައި ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިނޭޓް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެން ހިނދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިރުޝާދުދީފައެވެ.
ޢީދާ ދިމާކޮށް ގިނަބަޔަކު ރާއްޖޭގެ އެކި ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާއިރު މި ދުވަސްވަރު ދިމާވެފައިމިވަނީ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައާއެވެ.