ވިޔަފާރި

އެމް.އެޗް ހުއްޓާލައިފިނަމަ ގިނަ ކުންފުނިތަކަކަށް ގެއްލުންވާނެ- ސީއީއޯ


މެލޭޝިޔާ އެއަރލައިންސްގެ އޮޕަރޭޝަންތައް ހުއްޓާލުމަކީ އޭގެ ސަބަބުން އެހެން ކުންފުނިތަކަށް ގެއްލުން ލިބޭނެ ކަމެއްކަމަށް މެލޭޝިޔާ އެއަރލައިންސްގެ ސީ.އީ.އޯ ވިދާޅުވެއްޖެއެވެ.

މެލޭޝިޔާ އެއަރލައިންސްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިޒްހާމް އިސްމާއިލް މިހެން ވިދާޅުވެފައި މިވަނީ، އަޑި އަޅާލާފައިވާ މެލޭޝިޔާ އެއަރލައިންސްގެ ކުރިމަގާ ގުޅޭގޮތުން އެޤައުމުގެ ސަރުކާރުން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އެއަރލައިން ހުއްޓާލާނީތޯ، ނުވަތަ ވިއްކާލާނީތޯ ނުވަތަ އިތުރަށް އެއަރލައިނަށް ފައިސާ ޚަރަދުކުރުމާ މެދު މެލޭޝިޔާ ސަރުކާރުން ދަނީ މަޝްވަރާކުރަމުންނެވެ.

މެލޭޝިޔާ އެއަރލައިންސްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިޒްހާމް އިސްމާއިލް ވިދާޅުވީ މެލޭޝިޔާ އެއަރލައިންސް ހުއްޓާލުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވާނެކަމަށެވެ. އެއީ އެކަމުގެ ސަބަބުން މެލޭޝިޔާ އެއަރލައިނަށް އެކި ޚިދުމަތްތައް ފޯރުކޮށްދޭ މެލޭޝިޔާގެ ކުންފުނިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޒްހާމް ވިދާޅުވީ މެލޭޝިޔާ އެއަރލައިންސްއަކީ ފައިދާނުވާ ކުންފުންޏަކަށްވިޔަސް، އެކުންފުންޏަށް އެކި ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަކަކީ ބޮޑެތި ފައިދާތަކެއްވަމުންދާ ކުންފުންޏެއްކަމަށެވެ. އެހެންކަމުން އެކުންފުނިތަކަށް ކުރިމަތިވާ ގެއްލުމަކީ މެލޭޝިޔާގެ ޤައުމީ އުފެއްދުންތެރިކަމަށްވެސް އަސަރުކުރާނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.އެޗްގެ ސީއީއޯގެ ވާހަކަފުޅުގައި މެލޭޝިޔާ އެއަރލައިންސްގައި ތޭރަ ހާސް ފަސް ސަތޭކަ މުވައްޒަފުން ތިބި ނަމަވެސް، އެ އެއަރލައިން ހުއްޓާލައިފިނަމަ އޭވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ހަތަރު ސަތޭކަ ހާހަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އެމް.އެޗް ސެވަންޓީން އަދި އެމް.އެޗް ތްރީ ސެވަންޓީއަށް ދިމާވި ހިތާމަވެރި ހާދިސާތަކުގެ ކުރިންވެސް މެލޭޝިޔާ އެއަރލައިންސްއަށް ދިޔައީ ގެއްލުމާ ކުރިމަތިވަމުންނެވެ. އެ ހާދިސާތަކުގެ ސަބަބުން ލިބެމުންދިޔަ ގެއްލުން އިތުރަށް ބޮޑުވީއެވެ.

އެއަރލައިން އަލުން ކޮޅަށް ނެގުމަށް 2014 ވަނަ އަހަރު މެލޭޝިޔާ އެއަރލައިނުން ވަނީ 5 އަހަރުގެ ޕްލޭނެއް އެކުލަވާލާފައެވެ. އެ ޕްލޭންގެ ދަށުން 2018 ވަނަ އަހަރު އެއަރލައިނަށް ފައިދާވާނެކަމަށް ލަފާކުރިނަމަވެސް އެގޮތަށް އެކަން ހިނގާފައެއް ނުވެއެވެ. އަދި މިހިނގާ 2019 ވަނަ އަހަރުވެސް މެލޭޝިޔާ އެއަރލައިނަށް ފައިދާވާނެކަން ޔަޤީނެއް ނޫނެވެ.