ވިޔަފާރި

ބޮއިންގ ކުންފުންޏަށް ލިބުނު ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކެންސަލްކޮށްފި


މަތިންދާބޯޓުތަކެއް އުފެއްދުމަށް ބޮއިންގ ކުންފުންޏަށް ދީފައިވާ 1 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް އަޒަރުބައިޖާނުގެ ޤައުމީ އެއަރލައިނުން ކެންސަލްކޮށްފިއެވެ.

އަޒަރުބައިޖާނުގެ ޤައުމީ އެއަރލައިން، އަޒަރުބައިޖާން އެއަރލައިނުން ކެންސަލްކޮށްފައިވަނީ މައްސަލަ ބޮޑުވެފައިވާ ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ 10 މަތިންދާބޯޓު އުފެއްދުމަށް ދީފައިވާ ކޮންޓްރެކްޓެކެވެ.

އަޒަރުބައިޖާން އެއަރލައިނުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ މަތިންދާބޯޓު ގަތުމަށް ދީފައިވާ އޯޑަރު ކެންސަލްކުރަން ނިންމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސަބަބުތަކަކާ ގުޅިގެންކަމަށެވެ.

ބޮއިންގ ކުންފުނީގެ އެންމެ ވިޔަފާރި ރަނގަޅު މަތިންދާބޯޓުގެ ގޮތުގައި ފާހަގަވެފައިވާ ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ދެ ބޯޓެއް ވެއްޓުނު ހާދިސާއަށްފަހު އެއަރލައިންތަކުން ވަނީ އެ މަރުކައިގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލާފައެވެ. އަނެއްކޮޅުން އެމަރުކައިގެ މަތިންދާބޯޓެއް އުފެއްދުމަށްވެސް މިހާރު ބޮއިންގ ކުންފުންޏަށް އޯޑަރެއް ނުލިބެއެވެ.

މިހާތަނަށް ބެލިބެލުމުން ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ދެ ބޯޓު ވެއްޓިފައިވަނީ ބޯޓުގެ މައްސަލައަކުންކަމަށް މިހާރު ވަނީ ފާހަގަވެފައެވެ. އަދި އެމައްސަލަތައް ހައްލުކުރުމަށްވެސް ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އަލުން އުދުހެން ފެށޭވަރުވާނީ އަންނަ އޮގަސްޓްމަހުކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.