ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަކީ މުޅި ސަރަޙައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ވަރަށް މުހިއްމުކަމެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދުކުރިއަށްގެންދިޔަ ރަސްމީ ވާހަކަތަކަށްފަހު ދެއްވި ބަޔާނުގައި މޯދީ ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަން ގުޅިފައިވަނީ މުޅި ސަރަޙައްދުގެ ރައްކާތެރިކަމާއިކަމަށާ އެހެންކަމުން ދިވެހި ރާއްޖެއަކީ އިންޑިއާއަށް ވަރަށް މުހިންމު ޤައުމެއްކަމަށެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ޤާއިމްކޮށްފައިވާ ކޯސްޓަލް ސަވައިލެންސް ރޭޑަރގެ ސަބަބުން ދެޤައުމަށް ލިބިގެންދާނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން މޯދީ ވިދާޅުވީ ކޯސްޓަލް ސަވައިލެންސްް ރާޑަރ ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ބަލަހައްޓައި މޮނީޓަރ ކުރުމަށް ޤާއިމުކޮށްފައިވާ ރާޑަރގެ ސަބަބުން ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓޭނެކަމަށެވެ.
މިރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބޭރުގެ ފަރާތަކަށް އަރުވާ އެންމެ މަތީ ދަރަޖަކަމަށްވާ ނިޝާން އިއްޒުއްދީންގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިއީ ހަމައެކަނި އެމަނުކުފަނަށް ލިބިވަޑައިގަތް ޝަރަފެއް ނޫންކަމަށާއި މިއީ މުޅި އިންޑިއާއަށްވެސް ލިބިގެން ދިޔަ ޝަރަފެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާގެ ހުރިހާ ރައްޔިތުންގެ ފަރާތުން އެމަނިކުފާނު މި ޝަރަފު ޤަބޫލުފުޅު ކުރައްވާކަމަށްވެސް މޯދީވަނީ ވިދާޅުވެފައެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މާކުރީއްސުރެ ބަދަހިވެފައިވާ ގުޅުމެއްކަމަށް ސިފަކުރައްވާ މޯދީ ވިދާޅުވީ މިގުޅުން އަބަދަށް ދެމިގެންދާކަން ދެ ޤައުމަށް ދިމާވާ ދަތި ވަގުތު ތަކާއި އުފާވެރި ވަގުތުތަކުގައި ހާމަވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން 1988 ވަނަ އަހަރުގެ އުދުވާނީ ޙަމަލާއާއި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2015 މާލެ ފެނަށް ޖެހި ހިނގި ހާދިސާގައި އެންމެ ގާތުން ރާއްޖެއަށް އެހީވުމުގެ ފުރުޞަތު އިންޑިއާއަށް ލިބިފައިވާކަން މޯދީ ވަނީ ފާހަގަކުރެއްވިއެވެ.
މޯދީގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާއި ޙަވާލުވުމާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަން އިތުރު ވެގެންދިޔަ ކަމަކީ ރައީސް ޞާލިޙު އިންޑިއާއާއި އެކު ބާއްވަވަމުންގެންދަވާ ގުޅުން ދައްކުވައިދޭ ކަމެއްގެ ގޮތުގައިވެސް މޯދީވަނީ ފާހަގަކުރައްވާފައެވެ.