ޔޫރަޕްގެ އެންމެ ވަރުގަދަ އިޤްތިޞާދުކަމަށްވާ ޖަރުމަންވިލާތުގެ އިޤްތިޞާދަށް ހީނަރުކަމެއް އަންނަން ފަށައިފިއެވެ.
ޖަރުމަންވިލާތުގެ ކަމާބެހޭ ފަރާތްތަކުން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަރުމަންވިލާތުގެ އިޤްތިޞާދީ ހަރަކާތްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައެވެ. އެގޮތުން އިންޑަސްޓްރިއަލް އުފެއްދުންތެރިކަން މާޗުމަހާ އަޅާބަލާއިރު އޭޕްރީލްމަހު ވަނީ 1.9 އިންސައްތަ ދަށްވެފައެވެ. އަދި އެޤައުމުގެ އެކްސްޕޯޓްވެސް ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު 0.5 އިންސައްތަ ދަށަށްގޮސްފައެވެ.
ޖަރުމަންވިލާތުގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާ ގުޅިގެން އެޤައުމުގެ ސެންޓްރަލް ބެންކު، ބުންޑެސްބެންކުން ވަނީ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ މިންވަރު ދަށްކޮށްފައެވެ. ބުންޑެސްބެންކުން މިދިޔަ ޑިސެމްބަރުމަހު ލަފާކުރީ މިއަހަރު ޖަރުމަންވިލާތުގެ އިޤްތިޞާދު 1.6 އިންސައްތަ ކުރިއަރާނެކަމަށެވެ. ނަމަވެސް މިހާރު ވަނީ އެއަދަދު 0.6 އިންސައްތައަށް ދަށްކޮށްފައެވެ.
ޖަރުމަންވިލާތުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަކީ ދުނިޔޭގައި މިހާރު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން ކުރާ އަސަރުތަކެއްކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެގޮތުން ޗައިނާއަކީ ޖަރުމަންވިލާތުގެ އުފެއްދުންތަކަށް މުހިއްމު މާކެޓަކަށްވާއިރު، ޗައިނާގެ އިޤްތިޞާދު މަޑުޖެހުމަކީ ޖަރުމަންވިލާތަށްވެސް އޭގެ އަސަރުކުރާނެކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މީގެ އިތުރުން ޔޫރަޕުން އެމެރިކާއަށް އެތެރެކުރާ ދަނގަޑާއި އެލުމިނިއަމްއިން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް ޖަރުމަންވިލާތުގެ އިޤްތިޞާދަށް އަސަރުކުރާނެކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.