ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕްގެ ޔަންގް ސްޓަރ ދިފާއުކޮށްފި


ބްރައިޓް ޗެލެންޖް ކަޕްގެ ޗެންޕިއަންކަން ޔަންގް ސްޓަރ އިން ދިފާޢުކޮށްފިއެވެ. މިދިޔަ އަހަރުވެސް މިމުބާރާތުގެ ޗެންޕިކަން ހޯދާފައިވަނީ ޔަންގް ސްޓްރއެވެ.

މިއަހަރުގެ މުބާރާތުގެ ޗެންޕިއަންކަން ޔަންގް ސްޓަރ ހޯދާފައިވަނީ ލެޖެންޑް އެފްސީއާއި ވާދަކޮށް 5 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެން. ފައިނަލް މެޗުން ލެޖެންޑް ބަލިވިއިރު، މިޓީމްގައި ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިން ކުޅެމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މީގެތެރޭގައި ރިލްވާން، އަޝްފާން، ޝާދިން އަދި ތައްތި ފާހަގަކޮށްލެވެއެވެ.

ޔަންގް ސްޓަރ ޓީމްގައި ހިމެނެނީ އަރަމުން އަންނަ ޒުވާން ކުޅުންތެރިއެއްކަމަށްވާ ހަސަން ރާޢިފް (ހަންނަ)އެވެ. ޔަންގް ސްޓަރ ޓީމްއަށް އިރުޝާދު ދީފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރ ތޮއްޑޫ މުހައްމަދު ނިޒާމެވެ.

ފައިނަލް މެޗްގައި ޔަންގް ސްޓަރ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން އެއް ލަނޑު ހަސަން މުއާން ކާމިޔާބުކޮށްދިން އިރު މުހައްމަދު އިންޝާދު އާއި އަހުމަދު އައިހަމް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވާޑްއަކަށް ހޮވިފައިވަނީ ޔަންގް ސްޓަރ ޓީމްގެ ހަސަން ރާއިފްއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ އެފްސީ ލެޖެންޑް ޓީމްގެ އަހުމަދު ތަޒްމީންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހާފައިވަނީ ވައި މެކްސް ޓީމްގެ އިބްރާހިމް އުސްމަތު. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ލަޔަންސްގެ މޫސާ ސާއިން ހަނީފްއެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމްއަކީ އޮޅުވާލި ޓީމެވެ. މުބާރަތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ އެފްސީ ލެޖެންޑް ޓީމްގެ ޒައިދާން އަހުމަދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންއަކަށް ހޮވިފައިވަނީ ޔަންގް ސްޓަރ ޓީމްގެ އަހުމަދު އައިޙަމެވެ.

12 ޓީމްއަކުން ބައިވެރިވި މިމުބާރާތް މިއަހަރުވަނީ ހަތަރު ގުރޫޕްއަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕްއެއްގައި ހިމެނެނީ 3 ޓީމެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށްއަށްވަނީ 45،000 ރުފިޔާ އަދި ދެވަނަ ޓީމަށްއަށް ވަނީ 15،000 ރުފިޔާ ދީފައެވެ.