ކުޅިވަރު

ދުނިޔޭގެ ކްރިކެޓްގައި ރާއްޖެ ވަރަށް އަވަހަށް ފެންނާނެކަމަށް އުއްމީދު ކުރަން - ސަޗިން


ދުނިޔޭގެ ކްރިކެޓްގައި ރާއްޖެ ވަރަށް އަވަހަށް ފެންނާނެކަމަށް އުއްމީދު ކުރާކަމަށް އިންޑިޔާގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ބުނެފިއެވެ.

ސަޗިން މިހެން ބުނެފައިވަނީ ދާދި ފަހުން ރާއްޖެއަށް ވަޑައިގެންނެވި އިންޑިޔާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ރާއްޖޭގެ ރައީސުލް ޖުމްހުރިޔާ އިބްރާހިމް މުހައްމަދު ސޯލިޙުއަށް ހާއްސަ ކްރިކެޓް ބެޓެއް ހަދިޔާ ކުރުމާއި ގުޅިގެންނެވެ.

މިހާއްސަ ބެޓްގައިވަނީ މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި ކުޅެމުންދާ އިންޑިޔާގެ ގައުމީ ޓީމްގެ ކުޅުންތެރިން ސޮއިކޮށްފައެވެ.

މިހާއްސަ ބެޓް ހަދިޔާ ކުރުމަށްފަހު އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީވަނީ މިކަމާއި ގުޅިގެން ޓުވީޓްވެސް ކުރައްވާފައެވެ. އެޓުވީޓްގައި މޯދީ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެއްކަމަށާއި މިފަދަ ހާއްސަ ބެޓެއް މިހަދިޔާ ކުރެއްވީ މިކަމާއި ގުޅިގެންކަމަށް ވިދާޅުވެފައެވެ.

މިޓުވީޓާއި ގުޅިގެން އިންޑިޔާގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ސަޗިން ޓެންޑުލްކާ ބުނީ މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕް ދުވަސްވަރުގައި މޯދީ ދެއްކެވި ކްރިކެޓް ޑިޕްލޮމަސީގެ ނަމޫނާއެއްކަމަށެވެ.

ސަޗިން މިވަގުތު ހުރީ އިނގިރޭސި ވިލާތުގައި ކްރިކެޓް ވޯލްޑް ކަޕް ބެލުމަށްގޮހެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށްފަހު ރާއްޖެއާއި އިންޑިޔާއާއި އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އަދި ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް އިންޑިޔާއިންވަނީ ނިންމާފައެވެ.

ދާދިފަހުން މިކަމަށް މަޝްވަރާ ކުރުމަށް އިންޑިޔާގެ ކްރިކެޓް ބޯޑުގެ އޮފިޝަލުންވެސް ރާއްޖެ އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.