ކުޅިވަރު

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 61 އައުޓް ޑޯ ޖިމް އަޅަނީ


ރާއްޖޭގެ އެކިކަންކޮޅުތަކުގައި 61 އައުޓް ޑޯ ޖިމް އެޅުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

ޔޫތް މިނިސްޓްރީންވަނީ މާލޭގައި އައުޓް ޑޯ ޖިމްއެއް މީގެކުރިން ހުޅުވާފަ. އަމީނީ ސަންތުރެސްގެ ނަމުގައި ހުޅުވި މިޖިމް ހުޅުވާފައިވަނީ އަމީނީމަގުގެ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލް ކުރިމަތީގައި އޮންނަ ޕާކުގައެވެ.

މާލޭގެ ފަސް ސަރަހައްދެއްގައި މިފަދަ އައުޓް ޑޯ ޖިމް ގާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް މިދިޔަ ހަފްތާގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ދަތުރުފުޅުގައިވަނީ ރާއްޖޭގައި 61 އައުޓް ޑޯ ޖިމް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޔޫތް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަހުމަދު އިރާޝް ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭއްތިބުމަށް އިންޑިޔާގެ ސަރުކާރުން ކޮށްދިން ވަރަށް ރަގަނޅުކަމެއްކަމަށެވެ.

61 ޖިމް ގާއިމް ކުރެވޭނީ އަތޮޅު ތެރޭގައިކަމަށާއި މިކަން ކުރުމަށް މިހާރު މަޝްވަރާތަށް ކުރަމުންދާކަމަށް ޔޫތް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަހުމަދު އިރާޝް ވިދާޅުވިއެވެ.

"އެކަމާއި ބެހޭގޮތުން މިހާރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އެކު މަޝްވަރާތަށް ދަނީ ކުރިއަށް. މި 61 ޖިމް ގާއިމް ކުރެވޭނީ އަތޮޅު ތެރޭގެ އެކިއެކި ރަށްރަށުގައި. މިއީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭއްތިބުމަށް ވަރަށް މުހިންމުކަމެއް. ކުރިންވެސް މިފަދަ މަޝްޢޫތަށްވަނީ ޔޫތް މިނިސްޓްރީން ހިންގާފަ. އެކަމަށްވެސް ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފަ. މިފަހަރުވެސް އަޅުގަނޑުމެން ގަބޫލް ކުރަނީ މިޖިމްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް." ޔޫތް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަހުމަދު އިރާޝް ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވިފަހުން ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

ކްރިކެޓްގެ ގަދަ ބާރެއްކަމަށްވާ އިންޑިޔާއިން ރާއްޖޭގެ ކްރިކެޓްވެސް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް މިހާރުވެސްވަނީ އެއްބަސްވެފައެވެ. އެގޮތުން ރާއްޖޭގައި ކްރިކެޓްގެ ސްޓޭޑިއަމްއެއް އެޅުމަށް ނިންމާ އެކަމާއި ބެހޭ މަޝްވަރާތަށްވެސް މިހާރުދަނީ ކުރިއަށެވެ.