ޚަބަރު

އިންޑަސްޓްރިއަލް ސައިޓުތަކާއި ރިސޯޓުތަކުގައި އުފެދޭ ކުނި ފަސޭހައިން ނައްތާލެވޭނެގޮތް ވެމްކޯއިން ހަދަނީ


ރިސޯޓުތަކާއި އިންޑަސްޓްރިއަލް ސައިޓުތަކާއި ހަދަމުންދާ ރިސޯޓުތަކުގައި އުފެދޭ ކުނި ވެމްކޯގެ ބެލުމުގެ ދަށުން ނަގައިދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް ވެމްކޯއިން ބުނެފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފިޝަރިޒް މިނިސްޓްރީން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން 3 ކަމެއް ކުރުމަށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ. އެގޮތުން ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ކުނި އުފުލުމާއި ވެމްކޯގެ ސައިޓްތަކަށް އެކި ތަންތަނުން އުފުލާ ކުނި އެ ސައިޓާ ހަމައަށް ގެންދެވޭކަމުގެ ޔަޤީންކަން ދިނުމާއި މަސްވެރި އުޅަނދުތަކުގައި އުފެދޭ ކުނި ފަސޭހަ ނިޒާމެއްގެ ތެރެއިން ނައްތާލެވޭނެގޮތް ހެދުމަށްޓަކައި ވެމްކޯގެ ހުރިހާ ކަލެކްޝަން ސައިޓުތަކަކުން އެފަދަ ކުނި ހިލޭ އުކައިދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާކަން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

ވެމްކޯގެ އެމްޑީ އާދަމް މުޙައްމަދު ވިދާޅުވީ ޕާލޭއާއި ގުޅިގެން ވެމްކޯއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ރައްކާތެރިގޮތުގައި މެނޭޖުކުރެވެނީ ބައެއް ބާވަތްތައްކަން ފާހަގަކުރައްވާ، އަދިވެސް ބައެއް ބާވަތުގެ ކުނި އެންމެ އެކަށޭނެ ގޮތުގައި މެނޭޖް ނުކުރެވޭކަން ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ރާއްޖޭގައި ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ، ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހީނާ ޢަލީ ވިދާޅުވީ ކަނޑުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ކަނޑުގެ ސަރަޙައްދު ބޮޑުވެފައި ކަނޑުތަކާއި ފަރުތަކާއި ބެހޭ މައުލޫމާތު އެއްވެސް ވަރަކަށް ނޭނގޭ މީހުން ގިނަވުންކަމަށެވެ.

މިރަސްމިއްޔާތުގައިވަނީ ޕާލޭއާއި ގުޅިގެން ފާއިތުވި 3 އަހަރު މެދުކެނޑުމެއްނެތި ޕްލާސްޓިކް އެއްކޮށް ރައްކާތެރިގޮތުގައި ނައްތާލުމަށް ޕާލޭ އެއަރ ޙަރަކާތުގައި ބައިވެރިވެ މަސައްކަތްކޮށްފައިވާ ސްކޫލްތަކަށް އެކަމުގެ ޝަރަފުގެ ލިޔުން ޙަވާލުކޮށްފައެވެ.

  • އެގޮތުން ލިއުން ހަވާލުކޮށްފައިވަނީ:
  • ޣިޔާޡުއްދީން އިންޓަނޭޝަނަލް ސްކޫލް
  • ކެޔޮދޫ ސްކޫލް
  • ފުލިދޫ ސްކޫލް
  • ށ.އަތޮޅު ތަޢުލީމީ މަރުކަޒް
  • ދިއްގަރު ސްކޫލް
  • ޝެއިޚް އިބްރާހިމް ސްކޫލް
  • ހަންޏާމީދޫ ސްކޫލް
  • ތާޖުއްދީން ސްކޫލް
  • އިހައްދޫ ސްކޫލް
  • އިމާދުއްދީން ސްކޫލް

މިސްކޫލްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައިވަނީ މަސްވެރި އުޅަނދުތަކުން ކަނޑުތަކަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވަޢުދުގެ ލިޔުން ރައިސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ. މީގެ އިތުރުން ކަނޑުތަކަށް އުކާލެވޭ ކުނިތައް މަދުކުރުމަށް މަސައްކަތްކުރުމަށް ދިރާގާއި އެމްޓީސީސީން ވަނީ ޕާލޭއެއަރ ޙަރަކާތުގައި ބައިވެރިވުމަށްވެސް ވައުދުވެފައެވެ.

އެދެކުންފުނީގެ ވަޢުދުގެ ލިޔުމާއި ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދެވެ.