ރިޕޯޓް

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ހުރިހާރަށެއްގައިވެސް ކުރިއަށް


މިއަދަކީ ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހެވެ.



 ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މާލެއާއި
އަތޮޅުތެރޭގައި ދަނީ  ގިނަ
ހަރަކާތްތަކެއްހިންގަމުންނެވެ.



 މި ދުވަސް ފާހަގަ ކުރުމުގެ
ގޮތުން ސްކޫތައް ޒީނަތްތެރިކޮށް ހާއްސަ އެސެންބްލީތައް ބާއްވާ ދުވަހާއި ގުޅޭ
ހާއްސަ ދުއާއެއްވެސް ކޮށްފައިވެއެވެ.



ކުޑަކުދިންގެ ދުވަހާއި
ގުޅުވައިގެން ތަފާތު ކާޓޫން ކެރެކްޓަރ ދައްކުވައިދޭ ހެދުން ބައެއް ކުދިން ބޭނުން
ކޮށްފައިވާއިރު އަނެއްބައިކުދިންވަނީ ދުވަހާއި ގުޅުވައިގެން ތަފާތު ކުލަ ކުލައިގެ
ހެދުންތައް ބޭނުންކޮށްފައެވެ.



ސްކޫލްތަކުން ކުރިޔަށްގެންދާ
ހަރަކާތްތަކާއި ގުޅޭ ގޮތުން ބައެއް ކުދިންނާއި ސުވާލު ކޮށްލުމުން އެ ކުދިން ބުނެފައިވަނީ
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާތީ ވަރަށް އުފާވާކަމަށެވެ.



މި ދުވަސް ފާހަގަ
ކުރުމަށްޓަކައި ސްކޫލްތަކުން ކުދިންނާއި ގުޅޭ އެކި ކަހަލަ ކުޅިވަރާއި އެހެނިހެން
ހަރަކާތްތައް ރާވާފައި ވީނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން ބައެއް
ހަރަކާތްތައް ކެންސަލްވެފައިވާކަމަށް ބައެއް ސުކޫލުތަކުން މައުލޫމާތުދެއެވެ.



މާލޭގެ އިތުރުން އަތޮޅުތަކުގެ
ސްކޫލްތަކުގައިވެސް ވަނީ ތަފާތު ހަރަކާތްތައް ކުރިޔަށްގެންގޮސްފައެވެ. އެގޮތުން އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ރ. އަނގޮޅިތީމު ކައުންސިލް ގުޅިގެން ހާއްސަ
ހަވީރެއް އެރަށުގައި ވަނީ ބާއްވާފައެވެ. އަނގޮޅިތީމުގައި ކުޑަކުދިންގެ ހަވީރެއް
ފާހަގަކުރެވިގެންދިޔައިރު، ރ.އަތޮޅު ފެންވަރުގައި ފާހަގަކުރެވޭ ކުޑަކުދިންގެ
ޕާރކެއްވެސްވަނީ އެ ރަށުގައި ހުޅުވާފައެވެ.



ރ. އަތޮޅު
ކައުންސިލްގެ ނައިބްރައީސް އިބްރާހިމް އަބްދުލް ކަރީމް ހުޅުވައިދެއްވި ޕާރކަކީ
އަނގޮޅިތީމު ހަސަން ހުސައިންއާއި އިބްރާހިމް ފިކުރީގުޅިގެން ގާތްގަނޑަކަށް
ހަތްލަށްކަރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ހުޅުވި ޕާރކެއްކަން އެރަށު
ކައުންސިލުން ފާހަގަކުރެއެވެ.



އަނގޮޅިތީމުގައި
ފާހަގަކުރި ހަވީރުގައި ތަފާތު އިނާމުތަކާއެކު ސްޓޯލްތަކެއް ހިންގިއިރު، ނަސީބު
ވަޒަންކުރުމަށް ކޫޕަން ވިއްކައިގެން ބައިސްކަލެއް ދޫކޮށްފައިވެއެވެ. މި ބައިސްކަލް
ވިއްކުމަށް ދޫކުރި ކޫޕަންގެ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދެ ކިޑްނީ
ފެއިލްވެފައިވާ އުމުރުން ތޭރަ އަހަރުގެ ރަސްގެތީމު ކުއްޖަކަށްކަމަށް އަނގޮޅިތީމު
ކައުންސިލުން މައުލޫމާތުދެއެވެ.



ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދަނީ ކޮންމެ
އަހަރެއްގެ މޭ މަހުގެ ދިހަވަނަދުވަހުއެވެ.