ފުޓްބޯޅަ ދަނޑުތައް އެޅުމުގައި ދިވެހި ސިފައިން އެހިވާނެ ކަމަށް ޔޫތް މިނިސްޓާރ އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޔޫތް މިނިސްޓްރީގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވާ ބޮޑު ފުޓްބޯޅަ ދަނޑުތަކެވެ. ޔޫތް މިނިސްޓްރީން ވަނީ 13 ރަށެއްގައި ފުޓްބޯޅަ ދަނޑު އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވާފައެވެ. އަދި އިތުރު އެގާރަ ރަށެއްގައި މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށެވެ.
ސިފައިންގެ ވެލްފެއާ ކުންފުނި (އެސް.އައި.ޑަބްލިއު.އީ.ސީ) އާއި މިނިސްޓާރ މަހުލޫފް އާއި ދެމެދު މިއަދު މަޝްވަރާތަށް ކުރިއަށް ގެންދެވިފައިވާއިރު، މިބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކޮށްފައިވަނީ ސިފައިންގެ އެހީގައި ދަނޑުގެ ބޭސް ހެދުމާއި ދަނޑުތަށް އަޅަން ނިންމާފައިވާ ސަރަހައްދު ސާފް ކުރުމުގެ އިތުރުން ދަނޑުތަށް ހެދުމުގެ މަސައްކަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މީގެ ކުރިންވެސް ސިފައިންނަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނޑުތަށް ހެދުމުގައި ވަރަށް ބޮޑަށް އެހީވެފައިވާ ފަރާތެކެވެ. ރާއްޖޭގައި ބޭއްވުނު އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުކުރި އައްޑޫ ސިޓީ ހިތަދޫ ދަނޑުގެ އިތުރުން މަލޭ ގަލޮޅު ފުޓްބޯޅަ ދަނޑު ހެދުމުގައިވެސް ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
ޔޫތް މިނިސްޓްރީން ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވާފާއިވާ 13 ރަށަކީ ރ.އަލިފުށި، ފ.ނިލަންދޫ، އައްޑޫ ސިޓީގެ ފޭދޫ ޏ.ފުވައްމުލައް، ގދ.ތިނަދޫ، ލ.ގަން، ޅ.ހިއްނަވަރު، ނ.ހޮޅުދޫ، ހއ.ދިއްދޫ، ގއ.ވިލިގިލި، އދ.މާމިގިލި، ހދ.ނެއްލައިދޫ އަދި ނ.ކެދިކުޅުދޫއެވެ.
މިދަނޑުތަކުގެ އިތުރުން 10 ރަށެއްގައި ފީފާ ފެންވަރުގެ ޓަރފް ދަނޑު އެޅުމަށްވެސް މީގެ ކުރިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އަދި މާލޭގައި ދިރިއުޅޭ ބިސޭދީންނަށް ކްރިކެޓް ބެލޭނޭ އިންތިޒާމް ވެސް ޔޫތް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސައި ދީފައެވެ.