ފްރާންސްގައި މިހާރު ކުރިޔަށްދާ އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ޖަރުމަނާއި ނޯވޭ ދަތުރުކޮށްފި އެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނު ނުކުތީ ނައިޖީރިއާ އާއި ދެކޮޅަށެވެ. މިމެޗު ޖަރުމަނުން ކާމިޔާބުކުރީ ތިނެއް ސުމަކުން ނެވެ. މި މެޗުގައި ޖަރުމަނުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ނޯވޭއާއި އޮސްޓްރޭލިއާ އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެކެއް އެކަކުން ދެޓީމުވެސް އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނެވެ.
އެގޮތުން ޕެނަލްޓީގައި އޮސްޓްރޭލިއާގެ މައްޗަށް ނޯވޭ ކުރިހޯދީ ހަތަރެއް އެކެއްގެ ނަތީޖާއަކުން ނެވެ.
މުބާރާތުގެ ދެވަނަ ބުރުގައި މިރޭވެސް ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި އިންގްލެންޑާއި ކެމަރޫން ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރާންސްއާއި ބްރެޒިލް އެވެ.