ކުޅިވަރު

ކްރިކެޓް ވޯލްޑްކަޕްއަށް ފަހު ރާއްޖޭގެ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާނެ - މަހުލޫފް


މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕް ނިމުމާއެކު ރާއްޖޭގައި އިންޑިޔާ ސަރުކާރުން އަޅައިދިނުމަށް ހަމަޖެހިފައިވާ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް ފެށިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އިންޑިޔާއިން ދަނީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ގިނަ އެހީތަށް ވަމުން. އެގޮތުން އިންޑިޔާއިންވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމްއަށް އަޅައި ދިނުމުގެ އިތުރުން އައުޓްޑޯ 80 ޖިމް ގާއިމް ކުރުމަށް ފައިސާގެ އެހީއެއްވެސް ދީފައިއެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ އިންޑިޔާގެ ސަރުކާރުން ބޭނުންވަނީ ރާއްޖެއަކީވެސް ކްރިކެޓްގައި ނަން ހިނގާ ގައުމަކަށް ހަދަންކަމަށާއި އިންޑިޔާއިން އަފްގާނިސްތާނަށް އެހީވި ފަދައިން މިހާރު އިންޑިޔާއިން ބޭނުންވަނީ ރާއްޖެއަށްވެސް އެހީވެ، ރާއްޖެއަކީވެސް މިސަރަހައްދުގެ ވަރުގަދަ ބާރަކަށް ހަދަންކަމަށެވެ. މަހުލޫފް ވިދާޅުވީ މަސައްކަތް މަޑު ޖެހުނީ ނޫންކަމަށާއި ކްރިކެޓް ސްޓޭޑިއަމް އެޅުމުގެ ވާހަކަތައް ދެކެވުނުފަހުން އިންޑިޔާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްއަކީ އިންޑިޔާއަށް ވަރަށް މުހިންމު މުބާރާތަކަށް ވާއިރު، އެމުބާރާތަށްފަހު ރާއްޖޭގެ ސްޓޭޑިއަމްގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޓްގައި ކުރިއަށްދާނެކަމަށް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު އިންޑިޔާއިން އެންމެ ސަމާލުކަމެއްދީގެން ކުރިއަށްދަނީ ވޯލްޑްކަޕްގެ މަސައްކަތްތަށް. އިންޑިޔާގެ ސަރުކާރުންވެސް ވޯލްޑްކަޕްއަށް ވަރަށް ބޮޑަށް ސަމާލުކަންވަނީ ހުއްޓިފަ. ވޯލްޑްކަޕް ނިމުމާއެކު ރާއްޖޭގައި އިންޑިޔާގެ ސަރުކާރުން އަޅައިދޭން އެއްބަސްވެފައިވާ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާނެ. މިހާރުވެސް މިވާހަކަތަށް ދެކެވުނު އިރާ އަޅާބަލާއިރު އިންޑިޔާއިން ވަރަށް ގިނަ މަސައްކަތްތަކެއް ވަނީކޮށްދީފަ. ހާއްސަކޮށް އެގައުމްގެ އެންމެ މަތީ ފަންތީގެ ބޭފުޅުންވެސް ރާއްޖޭގައި ސްޓޭޑިއަން އެޅުމަށް ބޭނުންވާ މިންވަރުވަނީ ފެނިފަ." މިނިސްޓަރ މަހުލޫފް ބުންޏެވެ.

ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ޓީމެއް ދާދިފަހުން ރާއްޖެއައިވެސް ވަނީ ސްޓޭޑިއަމްގެ މަސައްކަތާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިންގެންވަނީ ކްރިކެޓް ވޯލްޑް ކަޕްގައި ކުޅޭ އިންޑިޔާގެ ކުޅުންތެރިން ސޮއިކޮށްފައިވާ ހާއްސަ ބެޓްއެއް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙުއަށް އަރުވާފައެވެ. އަދި އިންޑިއާއިން ދަނީ ރާއްޖޭގެ ކްރިކެޓް އޮތް ހާލަތު ދިރާސާކޮށް ކްރިކެޓް އިތުރަށް ކުރިއެރުވުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.