ވިޔަފާރި

އިންނަފުށީގައި ރިސޯޓް ތަރައްޤީކުރުން މަޑުޖައްސާލަން އަންގައިފި


ބ. އިންނަފުށީގައި ރިސޯޓު ތަރައްގީކުރުން މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

އިންނަފުށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް ޓުއަރިޒަމް މިނިސްޓްރީން އަންގާފައި މިވަނީ، އިންނަފުށީގައި ރިސޯޓް ތަރައްޤީކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތިމާވެއްޓަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުންކަމަށެވެ. އަދި އިންނަފުށި ހިމެނޭ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ހިމެނޭ ސަރަޙައްދެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ އިންނަފުށީގައި ރިސޯޓް ތަރައްޤީކުރުމަށް 2017 ވަނަ އަހަރު ސިމާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުކަމަށެވެ. އަދި އެ ރިސޯޓުގެ އިކުއިޒިޝަން ފީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވާކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންނަފުށީ ތަރައްޤީކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައިވާއިރު، އެރަށް ތަރައްޤީކުރަން ޙަވާލުކޮށްފައިވާ ފަރާތަކަށް ދެރަ ގޮތެއް މިސަރުކާރުން ނުހަދަނޭކަމަށެވެ. އަދި އޭގެ ބަދަލުގައި އެކަމުގައި ލިބެން އޮތް ޙައްލެއް ހޯއްދަަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންނަފުއްޓަކީ ބ. އަތޮޅުގެ ބަޔޮސްފިޔަރ ރިޒާވް ސަރަޙައްދުގައި ހިމެނޭ ރަށެކެވެ. މިރަށް ދޫކޮށްފައިވަނީ އެރަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސީމާކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވަނީ 7 އޯގަސްޓް 2017 ވަނަ ދުވަހުއެވެ. އެރަށުގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަދި ފަށައިފައި ނުވާއިރު، އިންނަފުށީގެ ކޮންސްޓްރަކްޝަން ޕީރިއަޑު މިއަހަރުގެ އޮގަސްޓްމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހަމަވާނޭކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.