ވިޔަފާރި

ބޮޑުކޮށް ޓެކްސް ދެއްކި 19 ސައިކަލެއްގެ މަޢުލޫމާތު ނުލިބޭ


ސައިކަލުން ޓެކްސްގެ ގޮތުގައި ނަގަން ޖެހޭ ފައިސާގެ އަދަދު 150 އިންސައްތައިން 100 އިންސައްތައަށް ބަދަލު ކުރުމާއި ގުޅިގެން ބައެއް ސައިކަލުތަކުން ބޮޑުކޮށް ނަގާފައިވާ ޓެކްސްއަށްވާ ފައިސާ އަނބުރާ އެފަރާތްތަކަށް ރައްދުކޮށްދިނުމަށްޓަކާ ކަސްޓަމްސްއަށް ބޭނުންވާ މަޢުލޫމާތުތައް 19 ފަރާތަކުން އަދިވެސް ހިއްސާކޮށްފައިނުވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކޮށްފިއެވެ.ކަސްޓަމްސްގެ ސީނިއަ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި 49 ސައިކަލެއް ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި އެ ސައިކަލުތަކަށް އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ތިންލައްކަ ސާޅީސްހަތްހާސް ރުފިޔާއަށް އަރާ ކަމަށެވެ.ސައިކަލުން ނަގާ ޓެކްސް 150 އިންސައްތައަށް ސަރުކާރުން ހުށަހަޅައިގެން ބޮޑު ކުރުމަށްފަހު ފަހުންވަނީ އަނެއްކާ ވެސް 100 އިންސައްތައަށް ކުޑަކޮށްފައަދި ބޮޑު ކުރި މުއްދަތުގެ ތެރޭގައި އިތުރަށް ޓެކްސްގެ ގޮތުގައި ނެގި ފައިސާ އެފަރާތްތަކަށް އަންބުރާ ދިނުމަށް މަޖިލީހުންވަނީ ފާސްކޮށްފައެވެ. އެގޮތުން ޓެކްސްގެ ގޮތުގައި އިތުރަށް ނެގި ފައިސާ ދޭން ނިންމާފައިވަނީ މިދިޔަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތާވީސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލް ތަކުންނެވެ.އެފަރާތްތަކާއި ފައިސާ ހަވާލްކުރާނީ ފިނޭންސް މިނިސްޓްރީއިން އެމްއެމްއޭ މެދުވެރިކޮށް ކަމަށާއި އެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވާ ބޭންކް އުކައުންޓްތަކަށް ކަމަށްވުމުން އެ ފަރާތްތަކުގެ ބޭންކް އުކައުންޓްގެ މައުލޫމާތު ކަސްޓަމްސް އާއި ހިއްސާކުރުމަށް އެފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.