ދިވެހި ޕްރިމިއަރ ލީގުގައި ނިލަންދޫ ސްޕޯޓްސް ކްލަބް ކޮޅަށް މާޒިޔާއިން 13 ލަނޑު ޖަހައިފި އެވެ.
ލީގުގައި މާޒިޔާ އާއި ނިލަންދޫ ވާދަކުރި މެޗު މާޒިޔާ ކާމިޔާބުކުރީ ތޭރަ ސުމަކުން ނެވެ.
ރޭގެ މެޗުގައި މާޒިޔާއިން ނިލަންދޫގެ ގޯލް ހުޅުވާލީ، ތިންވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ޖެހި ލަނޑުން ނެވެ. މާޒިޔާގެ ދެ ވަނަ ލަނޑު، މެޗުގެ 10 ވަނަ މިނެޓުގައި ޖެހީ އިބްރާހިމް ވަހީދު އެވެ.
އެޓީމުގެ ތިންވަނަ ލަނޑަކީ އަހުމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހަކުން އަސަދުﷲ އަބްދުﷲ ޖެހި ލަނޑެކެވެ. ހަތަރު ވަނަ ލަނޑު ޖެހީ މޫސާ ޔާމީން އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން އިތުރު ހަތަރު ލަނޑު ޖެހި އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖަހައި އަސަދުﷲ ހެޓްރިކް ހެދިއިރު، އަނެއް ދެ ލަނޑު ޖަހައި އިބްރާހިމް ވަހީދު ހަސަންވެސް ހެޓްރިކެއް ހެދި އެވެ.
މާޒިޔާއިން ދެވަނަ ހާފް ފެށީ، ދެވަނަ މިނެޓުގައި ދާދު ކާމިޔާބުކުރި ލަނޑުން ނެވެ. މާޒިޔާގެ 10 ވަނަ ލަނޑު، މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.
އެއަށްފަހު، މެޗުގެ 70 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު އޭނާގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ.
އަދި މެޗުގެ 75 ވަނަ މިނެޓުގައި، މާޒިޔާގެ 12 ވަނަ ލަނޑު ކާމިޔާބުކުރީ ހަސަން ޝިފާޒް (ޑުންގާ) އެވެ. މާޒިޔާގެ ފަހު ލަނޑު، މެޗުގެ 84 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ޖެހީ، ކޯނަރަކުން ދާދު ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ނެވެ.
މި މޮޅާއެކު، ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން މާޒިޔާ މިހާރު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ދަ ގްރާންޑޭ އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބް އެވެ.