ވިޔަފާރީގެ ހަނގުރާމަ ހުއްޓާލާ، މަޝްވަރާތައް ފެށުމަށް ޗައިނާއާއި އެމެރިކާއިން ނިންމައިފިއެވެ.
ވިޔަފާރީގެ މަޝްވާރަތައް އަލުން ފެށުމަށް ޗައިނާއާއި އެމެރިކާއިން ނިންމިކަން އިޢުލާންކޮށްފައިވަނީ ޖީ- ޓުވެންޓީ ސަމިޓުގެ ތެރެއިން ދެ ޤައުމުގެ ރައީސުން ބޭއްވި ބައްދަލުކުރެއްވުމަށްފަހުއެވެ.
ހުކުރު ދުވަހު ޖީ-ޓުވެންޓީ ސަމިޓު ފެށިގެންދިޔައިރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި އޮތީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުކަމުގައިވާ ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައަށެވެ. ސަމިޓުގެ ތެރެއިން ވިޔަފާރީގެ ހަނގުރާމައަށް ޙައްލެއް ހޯދުން މުހިއްމުކަމަށްވެސް މާލީ އިދާރާތަކުން ދިޔައީ ބުނަމުންނެވެ.
ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ-ޖިން ޕިން ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ ޗައިނާގެ މަޝްވަރާތައް ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އިތުރަށް ބޮޑު ނުކުރާނޭކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ވިޔަފާރީގެ މަޝްވަރާތައް ފެށުމުގެ އިތުރުން، ޗައިނާގެ ވާވޭ ކުންފުންޏާއެކު އެމެރިކާގެ ކުންފުނިތަކުން ވިޔަފާރިކުރުން މަނާކޮށްފައި އޮތް އޮތުންވެސް ވަގުތީ ގޮތުން ނިމުމަކަށް ގެނެސްފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވާވޭގެ މައްސަލައާމެދުވެސް ޗައިނާއާއެކު މަޝްވަރާކުރާނޭކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ މިހާރު ބޮޑުކޮށްފައިވާ ޑިއުޓީތައް ކުއްލިއަކަށް އުވާނުލެވޭނެކަމަށާއި ނަމަވެސް އިތުރު ޑިއުޓީއެއް ނުނަގާނެކަމުގެ ޔަޤީންކަން ޗައިނާގެ ރައީސްއަށް އެރުވިކަމަށެވެ.
އެމެރިކާގެ ރައީސް ވާހަކަފުޅަށް ޗައިނާ ސަރުކާރުން ވަނީ މަރުޚަބާ ކިޔާފައެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރަށް މާގިނަ ވާހަކަތަކެއް ޗައިނާއިން ދައްކާފައެއް ނުވެއެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިފައި މިވަނީ، ދެ ޤައުމުގެ އުފެދުނު މައްސަލަތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ވިޔަފާރީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. އެގޮތުން އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ މުދަލުން ނަގާ ޑިއުޓީ ވަނީ ދެ ޤައުމުންވެސް އެތައް ގުނައަކަށް ބޮޑުކޮށްފައެވެ.
ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެހެނިހެން މާކެޓްތަކަށް އޭގެ އަސަރުކޮށް، ދުނިޔޭގެ އިޤްތިޞާދަށްވެސް ނުރައްކަލާ ކުރިމަތިލާންޖެހިފައިވާކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެހެންކަމުން ދެ ޤައުމުންވެސް ވިޔަފާރީގެ ހަނގުރާމަ މަޑުޖައްސާލާ، މަޝްވަރާތައް ފަށަން އެއްބަސްވުމަކީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.