ޖޫން 26 ބުދަ ދުވަހާއި ގުޅޭ
ބަޠޫލް އަކީ މެދުފަންތީ ގެ ޢާއިލާއަކަށް ނިސްބަތްވާ އާއިލާއެއްގެ ދެވަނަ ދަރިފުޅެވެ. ބޭނުންވާ ހުރިހާއެއްޗެއް ލިބުމުގެ އިތުރުން އަންހެންވަންތަ ހުރިހާ ސިފައެއް ގުދުރަތުން ބަޠޫލް އަށް ދެއްވާފަވެއެވެ. ހަމައެއާ އެކު މައިންބަފައިން ގެ ރަގަޅު ތަރުބިއްޔަތު ސަބަބުން ބަޠޫލް ގެ ރީތިކަން ދެގުނައަށް ވަނީ އިތުރުވެފައެވެ. ކޮލެޖް ގެ ގިނަ ފިރިހެން ކުދިންގެ ހިތުގެ ރާނީ އަކީ ބަޠޫލް އެވެ. ނަމަވެސް ފިރިހެން ކުދިންގެ އެފަދަ ހުށަހެޅުން ތަކަށް ބަޠޫލް އިޖާބައެއް ނުދެއެވެ. އެހާބޮޑަކަށް އަޅައެއް ނުލައެވެ. އެފަދަ އެއްވެސް ޒުވާނަކާމެދު ބަޠޫލްގެ ހިތުގެ ވިންދު އަވަސް ވެ ލޭގެ ހިގުމަށް ބަދަލުތަކެއް ނާންނާތީ ޚުދު ބަޠޫލް ވެސް ޙައިރާންވެއެވެ.
އެ އިޙްސާސް ނުވަނީބާ ހިތައް އަރާ ފަހަރުވެސް އާދެއެވެ. އެކުވެރި އަންހެން ކުދިންވެސް އެކަމާ ހީ މަލާމަތްކޮށް ހަދައެވެ. އެކަންކަމާއި އަޅާނުލާ ބަޠޫލްގެ ހިތަށް ވިސްނާދީ ހިތް ހަމަޖައްސާދެމުން ދެއެވެ.
ހިތުގެރަސްގެފާނުގެ ގެ ތަސްވީރު ބަޠޫލްގެ ހިތުގައި ރީތިކޮށް ކުރެހިފަ ހުރިކަމެއް އެގޭނީވެސް ކާކަށް ހެއްޔެވެ. ކަޅާހުދު ގެ ތަސްވީރުގައި ކުލަޖައްސަން ބޭނުންވެފައި ބަޠޫލް ހުރިކަން އެގޭނީވެސް ފަހެ ކާކަށް ހެއްޔެވެ. ބަޠޫލް ގެ ޚިޔާލީ ލޮލަށް އެސޫރަ އަބަދުވެސް ސިފަވެއެވެ. އަބަދުވެސް އެސޫރަ ދުށުމަށް އިންތިޒާރު ކުރެވެއެވެ.
ނުފެންނަ ސޫރައެެއް ހިތުގައި ކުރެހި ލޯބީގެ ހުޅުކޮޅެއް ދިއްލިފައިވާތީ ބައެެއް ފަަހަރު އަމިއްލަ ހިތާއި ބަޠޫލްގެ ޅަ ހިތް ސުވާލުކުރެއެވެ.
ލޯތްބަކީ ބާރެއްނުފޯރާ އަސަރުގަދަ ޖަޒްބާތެކޭ ބުނާއަޑު އިވެއެވެ. އެފަލްސަފާ ގަބޫލު ކުރަން މިއަދު ބަޠޫލް ވަނީ މަޖުބޫރު ވެފައެވެ. ބަޠޫލް އޭނަގެ ހިތުގެ ޙަގީގީ ރަސްގެފާނާ ބައްދަލުވާނެ ވަގުތެއްގެ އިންތިޒާރުގައި ޙާޔާތު ގެ ދުވަސްތައް ގުނަމުން ދެއެވެ.
ކޮލެޖް ގެ އެންމެފަހު އަހަރު ގެ ފަހުއިމްތިޙާނަށް ދަރިވަރުން ހޭބޯނާރާ ތައްޔާރު ވަމުން ދިޔައެވެ. ދަރިވަރުން ގެ މެދުގައި ވާދަވެރިކަންވަނީ އުފެދިފައެވެ. ބަޠޫލް އާއި އޭނަގެ އެކުވެރިން ވެސް ވަރަށް ފޯރިޔާއެކު ފިލާވަޅު ދަސްކުރުމާއި ގްރޫޕް ސްޓަޑީސް ހެދުމުގަ އަވަދިނެތި އުޅެމުންދިޔައެވެ. މިއަދު ހެދުނު ތެދުވެއިރު ބަޠޫލް ގެ ހިތް އާދަޔާ ޚިލާފަށް ނުތަނަވަސް ވަމުން ދިޔައެވެ. ކޮންމެވެސް ކަމެއްވާން އުޅެނީބާވައޭ ހިތަށް އަރަމުން ދިޔައެވެ.
ހެނދުނު އެކްސްޓްރާ ގަޑިޔަށް ދިޔުމަށްޓަކާ ބަޠޫލްއާ އޭނާގެ ރަހުމަތްތެރިން އަވަސް ފިޔަވަޅުގައި ހިގަމުންދިޔައެވެ. ބާރު ހިނގުމުގައި ދިޔަ ބަޠޫލް މަގުމަތިންމަގުމަތިން އައި ޒުވާނާގައި ޖެހި ވެއްޓިއްޖެއެވެ. ޢެކުވެރިންގެ ހަޅޭކުގެ އަޑުވެސް ބަޠޫލަށް ނީވޭ ކަަހަލައެވެ. ޢޮތް ތަނުން ގުޑާލަންވެސް ނޭގި އޮވެވުނީ ކުރިމަތީ ހުރި ޒުވާނާއަށް ބަލަންށެވެ. އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނުގެ ރަސްގެފާނު ކުރިމަތީގައި ހުރި ކަަހަލައެވެ. އެސްފިޔަވެސް ޖަހާލަން ނޭނގި ބަލަން އޮތީ ކިހާ އިރެއްވަންދެން ކަމެއް ނޭގެއެވެ.
ގުދުރަތުގެ ސަމާސާ ނިކަން ދެކިބަލާށެވެ. ބަޠޫލް ގެ ހިތް އެދޭ ޒުވާނާ އެހެރީ އޭނާ ކުރިމަތީ ދާދި ކައިރީގައެވެ.އެއީ ހަމަ ބަޠޫލްގެ ޚިޔާލީ ރަސްގެފާނެވެ. ހަމަ އެތަޞްވީރެވެ.
ބެލްގެ އަޑާއެކު ތަނުގައި ހަމަހިމޭންކަން ނެތިކޮށްލައިފިއެވެ. ބަޠޫލް އަށް ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. އަވަސް އަވަހަށް ތެދުވުމަށް މަސައްކަތްކުރިއެވެ. ހަށިގަޑަކަށް ބާރެއް ނައެވެ.
އެހީގެ އަތެއް ދިއްކޮއްލައި ގެން ހުރި ޒުވާނާ އަށް ބަލަން އޮތުން ފިޔަވާ އިތުރުކަމެއް ބަޠޫލްއަށް ނުކުރެވުނެއެވެ. ހިޔާލީ ދުނިޔެއަށް ގެއްލިފައި އޮތް ބަޠޫލަށް ހޭވެރިކަންވެރިވީ ކުރިމަތީ ހުރި ޒުވާނާ ސޮރީއޭ ބުނި އަޑަށެވެ.
ސޮރީ ބަޠޫލް....... މިއީ ކައިލް...... އަމިއްލަ ތަޢާރަފަކާ އެކު ބަޠޫލް އަށް އެހީތެރިވުމު ގެ ގޮތުން އަތްދިއްކޮށްލަމުން އެ ޒުވާނާ ބުނެލިއެވެ. އެއީ ކޮންފަދަ ފިރިހެން ވަންތަ އަޑެއްހެއްޔެވެ. އެއަޑުގައި ޖާދޫގައި ޖެހުނު ބަޠޫލަށް އިތުރު ހައިރާންކަމެއް ވެރިވީ އެ ޒުވާނާ ބަޠޫލްގެ ނަން އެނގުނު ގޮތަކުންނެވެ.
އަމިއްލަ ނަފްސަށް ބާރު ނުފޯރުވިފައި އޮތް ބަޠޫލްގެ ތުރުތުރު އަޅަމުންދާ އަތުން އެޒުވާނާ ގެ އަތުގަ ހިފިއެވެ. ދެންވީ ގޮތެއް ޚުދު ބަޠޫލް އަކަށް ވެސް ނޭގުނެވެ. ދުނިޔެ އަދިރިވާހެން ހީވިއެވެ. ލޮލުގެ ފެނުމަށް ވެސް ބަދަލުތަކެއް އައިހެން ހީވިއެވެ. ދެންވީ ގޮތެއް ޚުދުބަޠޫލް އަކަށް ވެސް ނޭގުނެވެ.
ބަޠޫލް އަށް ހޭލެވުމާއި އެކު ހީވީ އަރާމް ނިންޖަކުން ހޭލެވުނުހެންނެވެ. ނަމަވެސް މޯޅިއަކަށް ދެމިލުމުން ތޫނު ތަދެއް އަތަށް އިޙްސާސްކުރެވުނެވެ. ބޭޢިޚްތިޔާރުގައި ވޭނީ އާހާއި އެކު ބަޠޫލް ކުކުރާލިއެވެ.
ބަޠޫލް އަމިއްލަ ހަށިގަޑަށް ނަޒަރު ހިންގާލިއެވެ. މިއީ ކޮންކަމެއް ހެއްޔެވެ. އަތަށް އައިވީގުޅާފައިވާއިރު ކަނާތު ފައިގައި ވަނީ ޕްލާސްޓަރު އަޅާފައެވެ. އަތެއް ފަޔެއް ގުޑުވާލެވޭ ކަށް ވެސް ނެތެވެ. މި އޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުމުން ބަޠޫލް ގެ ހިތަށް ނޭގޭ ބިރުވެރިކަމެއް އިޙްސާސް ވާން ފެށިއެވެ.
ނުނިމޭ...
ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.