ފުލުހުން މަސައްކަތްކުރަމުންދަނީ އަނިޔާވެރިކަމާއި ދެކޮޅަށް ގާނޫން ނެގެހެއްޓުމަށްކަމަށާއި މޭ އެއްވަނަ ދުވަހު އިދިކޮޅު ބައެއް ޕާޓީތަކުން ބޭއްވި މުޒާހަރާއަކީ އެތައް ބަޔަކަށް އަނިޔާދީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރާވައިގެން ހިންގާފައިވާ މުޒާހަރާއެއްކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ފެންނަން ހުރިކަމަށް ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިއާއާއި ވާހަކަފުޅުދައްކަވަމުން ސީޕީ ހުސައިންވަނީދު ވިދާޅުވީ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއްކަމުގެ ޔަގީންކަން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ފުލުހުންނަށް ދެއްވުމަށްފަހު އިރުއޮސުނުވަގުތު އަނިޔާވެރިކަން ނިންމަންދާންވީކަމަށް ވިދާޅުވެ ސަލާމަތީ ސަބަބުތަކަކަށްޓަކައި ފުލުހުން ބަންދުކޮށްފައިވާ ގްރީންޒޯނަށް ވަނުމަށް މުޒާހަރާގެ ބައިވެރިން ފޮނުވުމަކީ ފާހަގަކުރެވޭކަމެއްކަމަށެވެ. ނަމާދަށްކަމަށް ވިދާޅުވެ އަދި އެވަގުތު ނަމާދުނުކުރެވޭފަދަ ގޮތަކަށް ހެދުންއަޅައިގެންތިބި އެތައްބަޔަކު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމަށް ގޮވާލިއިރު އެކަންކުރެވޭނީ ގަދަބާރުދައްކައިގެންކަން އެގުމާއިވެސް އެކު ފުލުހުންނާއި ކުރިމަތިލުމަށް މީހުން ފޮނުވުމަކީ އެހެންމަގްސަދެއްގައި ކޮށްފައިވާކަމެއްކަމަށެވެ. އެކަން އެގެނީ އާދަޔާއި ޚިލާފް ބާރު ސްޕީޑެއްގައި ދުއްވާފައި ފުލުހުންގެ ގައިގައި ޖައްސަމުން ފުލުހުންގެ ސަފުތަކުގެތެރެއަށް ވެއްދި ވެހިކަލުންކަމަށާއި ސަލާމަތީ ބާރުގެ މައިމަރުކަޒާއިދިމާއަށް އެސްޕީޑްގައި ދުއްވާފައި ދިއުމަކީ ވަރަށް ނުރައްކާތެރި އަމަލެއް ހިންގުމުގެ ރޭވުމެއްގެތެރެއިން ކޮށްފައިވާކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ފުލުހުންގެ ތބަޔަކު ހިފަހައްޓައި މަގުމައްޗަށް ވަށްޓައި ތަޅާއަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކުންވެސް މިނުރައްކާތެރި އަދި އަނިޔާވެރި މަގްސަދު ފާހަގަވެގެންދާކަމަށް ވިދާޅުވިއެވެ.ސީޕީ ހުސައިންވަހީދު ވިދާޅުވީ ޝައިޚް އިމްރާން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވަނީ މުޒާހަރާ ކުރުމަށް ރޭވިފައިވަނީ މަޖީދީ މަގު ހެދިގޮނޑުދޮށް ހިސާބުން ފަށައިގެން ހުޅަނގުކޮޅު ސޯޝަލް ސެންޓަރާއި ހަމައަށްކަމަށެވެ. އެއަށްފަހު އެތާގައި ތިބޭނެކަމަށާއި އެހެންވެ މުޒާހަރާކުރުމަށް 9 ގަޑިއިރު ދެވިފައިވާކަމަށެވެ. ފުލުހުންގެ އަންދާޒާތައް ދައްކާގޮތުން ރަށްރަށުން އެއްކުރި މީހުންނާއެކު މުޒާހަރާގައި 15 ވަރަކަށް ހާސް މީހުން ބައިވެރިވާނެއެވެ. ހުސައިންވަހީދު ވިދާޅުވީ ފުލުހުންނާއި ކުރިމަތިލުމަށް އައީ ތިންހާހެއްހާ މީހުން ކަމަށެވެ. އޭގެތެރޭގައި ރަށްރަށުން މާލެގެނައި ވަރަށް ގިނަ މީހުން ހިމެނިގެންދިއުމުން ހާމަވެގެންދަނީ މިހަރަކާތް ރޭވި މީހުންގެ ޝިކާރައަކަށް ރަށްރަށުން މާލެ ގެނައި މީހުން ވުންކަމަށް ޙުސައިން ވަޙީދު ވިދާޅުވިއެވެ. މޭ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ފުލުހުންގެ ޒިންމާއަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެތެރެއިން ގިނަ މީހުންގެ މައްސަލަ ތަހްގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރުވަނީ ފޮނުވާފައެވެ.