ދީން

ޓެކްނޮލޮޖީ ބޭނުންކޮށްގެން ދީނުގެ އަދުއްވުން ދަނީ މަގުފުރައްދަމުން


ޓެކްނޮލޮޖީ
ބޭނުންކޮށްގެން އިސްލާމްދީނުގެ އަދުއްވުން، މުސްލިމުން މަގުފުރެއްދުމުގެ
މަސައްކަތް މިއަދު ކުރަމުންދާ ކަމަށާއި އެކަމަށް އިސްލާމީ އުންމަތް
ސަމާލުވެތިބުމަށް ސްރީލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ފާޒިލް
ފާރޫގު ގޮވާލައްވައިފިއެވެ.



އައްޝައިޚް
ފާޒިލް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް
ގެންދާ "ދަ މެސެޖް" ދަރުސް ޕްރޮގްރާމުގެ ތެރެއިން ރޭ ކާނިވާ
ސަރަހައްދުގައި ދަރުސްދެއްވަމުންނެވެ.



އިސްލާމިކް
މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ދަ މެސެޖް" ދަރުސް
ޕްރޮގްރާމުގެ ތެރެއިން ރޭ ކާނިވާ ސަރަހައްދުގައި ދަރުސްދެއްވަމުން ޝައިޚު ފާޒިލް
ވިދާޅުވީ، މިޒަމާނުގައި ޓެކްނޮލޮޖީ ވެފައި ވަނީ މީހުންގެ ވަގުތު ބޭކާރުކޮށް
ކުޅިވަރު ކުޅޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިޒަމާނުގައި ކޮންމެ
މީހެއްގެ އަތުގައި ފޯނެއް އޮންނައިރު ފޯނުންކުރާ އެކިކަހަލަ ކަންކަމަކީ
ގިނަފަހަރަށް ވަގުތު ބޭކާރުކޮށްލުމަށް ކުރާކަންކަންކަމުގައި ޝެއިހް ވިދާޅުވިއެވެ.



ޓެކްނޮލޮޖީގެ
ބޭނުންކުރަންޖެހޭނީ ހެޔޮނުބައި ވަކިވާ ހާލަތުގައި ތިބެގެން ކަމަށާއި އެހެންނޫންނަމަ
މަގުއޮޅިގެން ހިނގައިދާނެކަމަށް ޝެއިހް ފާޒިލް ރޭ ދެއްވި ދަރުސްގައި ވަނީ
ވިދާޅުވެފައެވެ. އެގޮތުން އިސްލާމްދީންގެ އަދުއްވުން ޓެކްނޮލީގެ ތެރެއަށް ގިނަ
ނޭދެވޭ އަމަލުތަކެއް ކުރުމުގެ މަގުފަހި ކުރަމުންދާއިރު މިކަމަށް ސަމާލުވުމަށް ޝައިޚް
އިލްތިމާސްކުރެއްވިއެވެ.



އިންފޮމޭޝަން
ޓެކްނޮލޮޖީ ފައިދާހުރިގޮތުގައި ބޭނުންކުރުމަށް އިލްތިމާސްކުރައްވައި ޝައިހް ފާޒިލް
ވިދާޅުވީ، ސޯޝަލް މީޑީއާ މެދުވެރިކޮށް ކުރާ ކަންކަމަށް ޖަވާބުދާރީ ވާން ނުޖެހޭނެ
ކަމަށް ބައެއް މީހުން ދެކުނަސް ކޮންމެ ނޭދެވޭ އަމަލެއްވެސް ފާފައިގެ ތެރޭގައި
ގުނިގެން ދާނެ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ ގައި ބުނާއެއްޗަކުން ނުވަތަ ޝެއަރ
ކުރާ އެއްޗަކުން މުޖުތަމައުގައި ފިތުނު ފަސާދަ އުފެދޭނަމަ އެކަމުގެ ފުރިހަމަ
ޒިންމާ އެކަން ކުރާ ފަރާތުން ނަގަންޖެހޭނެކަމަށް ވިދާޅުވިއެވެ.



މީގެ
އިތުރުން ޓެކްނޮލޮޖީ ތަރައްްގީވެ ސޯޝަލް މީޑިއާ އާންމުވެފައިވާއިރު މިކަމުގެ
ސަބަބުން ބައެއް އާއިލާތަކުގެ މެދުގައި ހަމަނުޖެހުން އުފެދި އިސްލާމް ދީން
ހުއްދަނުކުރާ ބައެއް އަމަލުތައް އާންމުވެފައިވާކަމުގައި ޝެއިހްވަނީ
ފާހަގަކުރައްވާފައެވެ. މިކަން ފާހަގަކުރައްވަމުން ޝެއިހް ވިދާޅުވީ، ރީތިކޮށް
ހެދުން އަޅައި ސާފުތާހިރުކޮށް ހުއްނަ މީހާއަށް ފޭސްބުކްގައި "ލައިކް"
އެއް ނުލިބޭއިރު ހެއްވާ ޒާތަކަށް ހުތުރުކޮށް ހުއްނަ މީހާއަށް ހާހުން "ލައިކް"
ލިބިގެންދާ މަންޒަރު ފޭސްބުކްއިންވެސް ފެނިގެންދާކަމަށެވެ.



ޝައިޚް ފާޒިލްގެ ވާހަކަފުޅުގައި އީމާންތެރިކަމާ އެކު އިސްލާމް ދީނުގެ
ހުދޫދުގެ ތެރެއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންހިފުމަށް ހުރިހާ ފަރާތްތަކަށްވެސް
އިލްތިމާސްކުރެއްވިއެވެ.



ރޭގެ ދަރުސް ނިމިގެން ދިޔައިރު ޖޫން 12 ގައި ބާއްވާ "ދަ މެސެޖް"
ދަރުސްގައި ޝައިޚް މުފްތީ އިސްމައިލް މެންކް ދަރުސް ދެއްވާނެކަން ވަނީ އިޢުލާން
ކޮށްފައެވެ.