ޚަބަރު

ދިވެހިންގެ އެހީގައި ގާޒާގައި ހެދި ވަގުތީ ހިޔާތައް ހަވާލުކޮށްފި


ފަލަސްތީނުގެ ރައްޔިތުންނަށް
ހިޔާވަހިކަން ފޯރުވައިދިނުމަށް ރާއްޖެއިން އިސްނަގައިގެން ޤަތަރު ރެޑް ކްރެސެންޓާ
ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ދަށުން އެޅި ވަގުތީ ހިޔާތަކުގައި
ފަލަސްތީނު ރައްޔިތުން ދިރިއުޅެން ފަށައިފިއެވެ.



ގާޒާ ފަންޑުގެ ނަމުގައި
ރާއްޖޭގެ މީޑިއާތަކުން ގުޅިގެން ހިންގި ޓެލެތޯން އަކާއި، އެނޫން އެކިއެކި
ފަރާތްތަކުންވެގެން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް އެއްކުރި 1.9
މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ވަގުތީ ގެތަކުގެ މަސައްކަތް
ކޮށްފައިވަނީ ޤަތަރު ރެޑްކްރެސެންޓްގެ ފަރާތުންނެވެ. މި މަޝްރޫޢު މިހާރު
ނިމުމަކާއި ހަމައަށް އައިސްފައިވާއިރު މިމަޝްރޫޢުގެ ދަށުން 100 ވަގުތީ ހިޔާ
އިމާރާތްކޮށްފައިވެއެވެ.



" އަޅުގަނޑުމެން
މި ފޯރުންކޮށްދެމުން މިދަނީ އެންނެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ
ކަންކަމަށް. އެގޮތުން ވަގުތީ ހިޔާގައި މިހިމެނެނީ ނިދާ ކޮޓަރިއަކާއި ބަދިގެއާއި ފާޚާނެއް.
މިތަންތަން ހަދާފައިވަނީ އާއްމުކޮށް ޣައްޒާގެ ގެތައް ހުންނަ ގޮތައި
އެއްވައްތަރުކޮށް " ، ޣައްޒާގައި ހުންނަ ޤަތަރު ރެޑް ކްރެސެންޓްގެ ޑިރެކްޓަރ
ޑރ. އަކުރަމް ނަސާރު ވިދާޅުވިއެވެ.



ދިވެހިން ހަދިޔާކުރި
ފައިސާއިން އިމާރާތްކުރީ 100 ވަގުތީ ހިޔާގެ ތެރެއިން 27 ހިޔާގެ މަސައްކަތް މިދިޔަ
ފެބްރުއަރީ މަހު ނިންމާ ފަލަސްތީން ރައްޔިތުންނާވަނީހަވާލުކޮށްފައެވެ. ހިޔާތައް
ލިބުނު ފަލަސްތީނު ރައްޔިތުންބުނީ މިއީ އެމީހުންނަށް ލިބުނު
ހިތްހަމަޖެހުމެއްކަމަށާއި ކުރިން އުޅުތަނަށްވުރެ ހިޔާތައް ރަނގަޅުވެފައި ދިރިއުޅުމުގެ
ހާލަތު ރަނގަޅުކަމަށެވެ.



" ކުރިން
އުޅުތަނުގައި ވަރަށް ހާލުގައި އުޅެން ޖެހުނީ. ފާޚާނާއަށް ދާންޖެހުނަސް އެހާ
އުނދަގޫ. އަދި އާއިލާގެ އެކިމީހުން ވަކިވަކިން އެކިތަންތާ ތިބީވެސް.
އެހެންނަމަވެސް މިތަން ވަރަށް ރަނގަޅު. " އުމް އަލް އުސާމާ އަލްއަޚްފްމާ
ބުންޏެވެ.



" ކުރިން އުޅެން
ޖެހުނީ ކްލާސްރޫމެއްގައި، އެންމެން އެއްކޮށް ނިދައި ކައިބޮއި ހަދައިގެން. އެ ތަން
އެހާ އަޑުގަދަ. އެއީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫން. އެކަމަކު މިހާރު
ވަރަށް އަރާމުގައި އެބަ އުޅެވޭ. " އަބޫ އަމީރު ބުންޏެވެ.



" الْحَمْدُ لِلَّهِ ، މިތަން މާ ރަނގަޅު. ބޯފެން
ލިބޭނެ ގޮތް ވެސް މިތާ އެނބަހުރި. ސިންކު ބަހައްޓާފަ ފަސޭހަކޮށް ފެން އެބަލިބޭ.
ކުރިން އުޅުނުތަނުގައި ނެތް މިގޮތަށް ފެންވެސް ލިބޭކަށް" ، އުމް އަމީރު
ބުންޏެވެ.



ހިޔާގެ އިތުރުން
ދިވެހިން ހަދިޔާކުރިން ފައިސާއިން ސިއްޚީ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ
ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ބޯފެނާއި ނަރުދަމާގެ ނިޒާމް މަރާމާތު ކުރުމުގެ
މަސައްކަތް ގަތަރު ރެޑް ކްރެސެންޓް އިން ކޮށްފައިވެއެވެ.



ފަލަސްތީނަށް
އެހީތެރިވުމަށް ރާއްޖޭގައި ގާޒާފަންޑުގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި
ސަރުކާރާ އަމިއްލަ ފަރާތްތަކުން ބައިވެރިވެ ގިނަ ޢަދަދަކަށް ފައިސާ
ހަދިޔާކޮށްފައިވެއެވެ.