ސާބިޔާގެ ކޭންޕްއާއެކު ގައުމީ ފިރިހެން ވޮލީ ޓީމް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވާކަމަށް ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނެފިއެވެ.
މެޑަލްއަކަށް އަމާޒް ހިފައިގެން ގައުމީ ފިރިހެން ވޮލީ ޓީމް މިހާރު ދަނީ ސާބިޔާގައި ކޭންޕް ކުރަމުންނެވެ. ސާބިޔާގެ ކޭންޕްގައި ކުޅޭ އެންމެ ފަހު މެޗުގެ ކުރިން މިރޭ ކުވެއިތުގެ ގައުމީ ޓީމްއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ކޯޗް މުހައްމަދު ސާޖިދު ބުނީ ސާބިޔާގެ މިކޭންޕްގެ ސަބަބުން ކުޅުންތެރިންނަށާއި އޮފިޝަލުންނަށްވެސް ކުރިން ނޭންގޭ ކިތަންމެ ކަމެއް ދަސްވެގެންދިޔަކަމަށެވެ. އޭޝިޔާގެ ވޮލީއާއި ޔޫރަޕްގެ ވޮލީގެ ތަފާތު މިފަހަރު ކުޅުންތެރިންނަށް ވަރަށް ރަގަނޅަށް އެގޭނެކަމަށާއި ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައުމްގެ ތެރޭގައި ސާބިޔާ ހިމެނެނީ ކީއްވެގެންކަން މިހާރު ކުޅުންތެރިންނަށް އެގޭނެކަމަށް ކޯޗް ސާޖިދު ބުންޏެވެ.
އާންމުކޮށް ރާއްޖޭގެ ކުޅުންތެރިން ކުޅެމުން އައިސްފައިވާ ގޮތަށް މިހާރު ބަދަލްތަކެއް ގެނެސް ޔޫރަޕްގެ ވައްޓަފާޅިއަށް ޓީމް ހޭނުންމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި ކުޅުންތެރިންނަށްވެސް އެކަން މިހާރު އެނގޭނެކަމަށް ކޯޗް ބުނިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކާމިޔާބީއެއް ހާސިލް ކުރަން ބޭނުންވާކަމަށްވާނަމަ، ޔޫރަޕްގެ ވޮލީއަށް ދިވެހި ކުޅުންތެރިން މިހާރު ހޭނެން ޖެހޭކަމަށާއި މިފަހަރުގެ މިބަދަލް ރާއްޖޭގެ ވޮލީ ޓީމްއިން ފެންނާނެކަންވެސް ކޯޗު މުހައްމަދު ސާޖިދު ވަނީ ފާހަގަކޮށްފައެވެ.
"ގޭމް ކުޅެމުން އައިސްފައިވާ ސިސްޓަމް މިހާރު ވަރަށް ބޮޑަށް ބަދަލް ކުރެވިފަ މިއޮތީ. ސެޓަރުންގެ ހުންނަންޖެހޭ ކުދިކުދި ކަންތަށްތަށްވެސް މިހާރު ބަދަލް ކުރެވިއްޖެ. ރާއްޖޭގައި ވެއްޖެއްޔާ ޒޯން 4ގައި އިންނާނީ މެއިން އެޓޭކަރަށް ބަލައިގެން ކުޅެނީ. ނަމަވެސް ޔޫރަފްގަ އަދި މިހާރުގެ ވޮލީގައި ޒޯން 2ގަ ހުންނަ ކުޅުންތެރިއަކީ ސްޕައިކްގެ 60 ފަސެންޓް ހިއްސާވާ ކުޅުންތެރިއަޔާ. މިކޭންޕްގެ ސަބަބުން މިހާރު ކުޅުންތެރިންނަށް އެނގޭނެ ވޮލީގެ ކުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލްތަށް. އަދި އަވަސް ކުޅުމެއް ކުޅުމާއި އިދިކޮޅުގެ ބުލޮކަރުންނަށް ބަލައިގެން ކުޅުމަށްވެސް މިހާރު ގައުމީ ޓީމްގެ ކުޅުންތެރިންނަށް އިނގޭނެ. އަސްލުގައި މިކިއުނީ ވަރަށް ގިނަ ކަންތަށްތަށް. މިކަންތަށްތަށް އެންމެ ރަގަނޅަށް ބޭނުން ކުރަން އަދި ދުވަސްނަގާނެ." ގައުމީ ކޯޗް މުހައްމަދު ސާޖިދު ބުންޏެވެ.
ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނީ ހުރިހާވެސް މައްސަލައަކީ ކުޅުންތެރިންގެ ބޭސިކް ދައްވުންކަމަށެވެ. މިހާރު ގައުމީ ޓީމްގެ ކުޅުންތެރިންނަށް ކިތަންމެ ވަރަކަށް ބޭސިކް ކިޔައިދިނަސް އެކަންކަން ރަގަނޅު ނުވާނެކަމަށާއި މިއީ އެކުޅުންތެރިންގެ މައްސަލައެއް ނޫންކަމަށްވެސް ސާޖިދު ބުންޏެވެ. މިއީ ވޮލީ ހިންގަން ތިބޭ މީހުންގެ ޒިންމާއެއްކަންވެސް ކޯޗް ސާޖިދު ވަނީ ފާހަގަކޮށްފައެވެ.