ވިޔަފާރި

މީޑިއާ ނެޓުން "ކިއުރިއޯސިޓީ ސްޓްރީމް" ތަޢާރަފްކޮށްފި


މީޑިއާ ނެޓުން "ކިއުރިއޯސިޓީ ސްޓްރީމް" ގެ ނަމުގައި އައު ޗެނަލްއެއް ތަޢާރަފްކޮށްފިއެވެ.

މިޑިއާ ނެޓުން ތަޢާރަފްކޮށްފައިވާ މި ޗެނަލަކީ ޑިސްކަވަރީ ޗެނަލްގެ ޕްރޮގްރާމުތައް ހިމެނޭގޮތަށް ތަފާތު ކޮންޓޭންޓާއެކު ތަޢާރަފްކޮށްފައިވާ ޗެނަލެކެވެ. އެގޮތުން 2000 އަށް ވުރެ ގިނަ ފީޗަރ ފިލްމާއި ޑޮކިއުމޭންޓްރީ މި ޗެނަލްގައި ހިމެނޭއިރު މީގެ ތެރޭގައި ތިމާވެށްޓާއި ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ ގިނަ ޕްރޮގްރާމްތަކެއް ދައްކާނެކަމަށް މީޑިއާ ނެޓުން ބުނެއެވެ.

މިޑިއާނެޓްގެ އެސިސްޓެންޓް މާކެޓިންގ މެނޭޖަރ އިސްމާއިލް މާއިޒް ވިދާޅުވީ "ކިއުރިއޯސިޓީ ސްޓްރީމް" މިއަންނަ އޮގަސްޓުމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މީޑިއާ ނެޓް ކަސްޓަމަރުންނަށް ހިލޭ ބައްލަވާލެއްވޭނެކަމަށެވެ. އަދި މި މުއްދަތަށް ފަހު މީޑިއާ ނެޓްގެ ކޭބަލް ޕެކޭޖް އަދި އެއަށްވުރެ މަތީ ޕެކޭޖްތަކަށް މި ޗެނެލް ލިބޭނެކަމަށް މާއިޒް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މަޤްސަދަކީ ބެލުންތެރިންގެ މަޢުލޫމާތު މުއްސަނދިކުރުން. އަޅުގަނޑުމެންގެ ކޭބަލް އަދި ހިޓްސް ބެލުންތެރިންނަށް 1 އޮގަސްޓުވަންދެން މި ޗެނެލް ހިލޭ ފެނިވަޑައިގަންނަވާނެ. އެކެއް އޮގަސްޓަށް ފަހު ފެމެލީ އަދި ފެމެލީއަށް ވުރެ މަތީ ޕެކޭޖްގައި ތިއްބަވާ ބޭފުޅުންނަށް މިޗެނެލް ޗެނަލް ނަމްބަރ 827 އިން ފެނިވަޑައިގަންނަވާނެ." މާއިޒް ވިދާޅުވިއެވެ.

މިޑިއާ ނެޓްއިން މިހާރުވެސް އާންމުންނާއި ހަމައަށް ދުނިޔޭގެ އެކި ހިސާބުތަކުގެ ޗެނެލްތައް ގެނެސްދެއެވެ. މީޑިއާ ނެޓުން ބުނީ ކުރިއަށް ވެސް ތަފާތު ޗެނަލްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ޗެނަލްތަކާއި ބެހޭ މަޢުލޫމާތު ސޯޝަލް މިޑިއާ އަދި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭނެ ކަމަށް ވެސް މީޑިއާ ނެޓުން ބުނެއެވެ.