ޚަބަރު

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރަސްމީދަތުރުފުޅެއްގައި ރާއްޖެއަށް


ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރެޕާލް ސިންގ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. 3 ދުވަހުގެ މުއްދަތަކަށް އެކަމަނާ ކުރައްވާ މި ދަތުރުފުޅުގައި ސިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު ޙަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާސިލް ނުވާ ޤައުމެއްކަމުގައި ކަނޑައަޅާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންދޭ "އެލިމިނޭޝަން އޮފް މަދަރ ޓު ޗައިލްޑް ޓްރާންސްމިޝަން އޮފް އެޗްއައިވީ އެންޑް ސިފިލިސް"ގެ ރަސްމީ ލިޔުން ރާއްޖެއާއި ޙަވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާގައި މިބަލި ނައްތާލެވުނު ދެވަނަ ޤައުމެވެ.

މީގެ އިތުރުން އެކަމަނާގެ މިދަތުރުފުޅުގައިވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ލެޕްރަސީ އެއްކޮށް ނައްތާލުމަށް މަސައްކަތްކުރާނެ ގޮތުގެ ފްރޭމްވަރކް އިފްތިތާޙުކުރުމާއި ދުނިޔޭގެ ވައިނުސާފުވުމާއި ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ފަށާފައިވާ "ބްރީތްލައިފް" ކެމްޕޭންވެސް ރާއްޖޭގައި އިފްތިތާޙުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ސިއްޙީދާއިރާގައި ބޭނުންކުރެވޭ ޓެކްނޮލޮޖީގެ ބޭނުން ފުޅާކުރުމަށް އެކުލަވާލާފައިވާ "ހިއުމަން ރިސޯސް ފޯރ ހެލްތު" ޕްލެޓްފޯމާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް މާލެއާއި އަތޮޅުތެރޭގައި ކުރަމުންދާ މަސައްކަތްތައް މޮނީޓަރކޮށް ވަކި މިންގަނޑުތަކަށް ޚިދުމަތްދިނުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ މޯބައިލް އެޕްލިކޭޝަންވެސް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ޑރ.ޕޫނަމްގެ މިދަތުރުފުޅުގައި ދެކުނުއިރުމަތީ އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޑރ. ޕޫނަމްގެ މިދަތުރުފުޅަކީ އެކަމަނާ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.