ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑަރޭޝަނަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ދެއްކި ވާހަކަތާކާ ގުޅިގެން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ޖޫރިމަނާކޮށްފި އެވެ.
ކޮޕާ އެމެރިކާގައި ކޮރަޕްޝަން އެކުލެވޭ ކަމަށާއި އޭގެ ތެރޭގައި ރެފްރީން ވެސް ހިމެނޭ ކަމަށް ބުނި މައްސަލާގައި މެސީ ޖޫރިމަނާކޮށްފައިވަނީ 1500 ޑޮލަރުންނެވެ. އަދި އޭނާ އަށް ވަނީ ޗިލީ މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން އެއް މެޗުގެ ސަސްޕެންޝަނެއްގައި ވެސް ހުންނަން ޖެހިފަ އެވެ.
މި މައްސަލާގައި ކޮޕާ އެމެރިކާ ފެޑަރޭޝަނުން ބުނީ އެއްވެސް އަސްލެއްނެތް ތުހުމަތުތަކެއް ކުރުމުން އޮގަނައިޒޭޝަން ސަލާމަތް ކުރަންޖެހޭ ކަމަށެވެ. އަދި ބަލިވެއްޖެނަމަ ކޮންމެ ކުޅުންތެރިއަކު ވެސް އެކަން ހެޔޮހިތުން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
މެސީ ހިތްހަމަ ނުޖެހުނީ އާޖެންޓީނާ އާއި ބްރެޒިލް ކުޅުނު ސެމީ ފައިނަލް މެޗުގައި ވީއޭއާރު ބަލައިގެން ބްރެޒިލަށް ފައިދާވާގޮތަށް ގިނަ ނިންމުންތަކެއް ނިންމުމާއި އާޖެންޓީނާއާ ދެކޮޅަށް ރެފްރީންގެ ނިންމުތައް އައުމެވެ. މިހެންވެ އޭނާ ބުނީ މުޅި މުބާރާތް އޮތީ ބްރެޒިލަށް ފަހިވާގޮތަށް ބައްޓަންކޮށްފައި ކަމަށެވެ.