އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބީޗް ވޮލީ ބޯޅައިގެ ފައިނަލްގެ ދެމެޗްގައިވެސް ރާއްޖޭގެ ބީޗް ރެފްރީ އިސްމާޢީލް އަބްދުﷲ (އިންމަ) ރެފްރީކަން ކުރުމަށް ހަމަޖެހިއްޖެއެވެ.
މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބީޗް ވޮލީ ބޯޅައިން ރާއްޖެގެ ބީޗް ވޮލީ ޓީމްވަނީ ރިހި މެޑަލް ހޯދާފައެވެ. މިމުބާރާތުގެ ފައިނަލްގެ ދެ މެޗްގައި ރެފްރީކަން ކުރުމަށް އިސްމާޢީލް އަބްދުﷲއަށް ފުރުސަތު ލިބުނީ މުބާރާތުގެ މެޗްތަކުގައި ރެފްރީކަން ކުރިގޮތަށްބާލާ، އިންމަގެ ނިންމުންތަށް ރަގަނޅު ވުމުންނެވެ.
ބީޗް ވޮލީ ބޯޅައިގެ އަންހެން ފައިނަލް މެޗްގައި އިސްމާޢީލް އަބްދުﷲ (އިންމަ) ހުންނާނީ ދެވަނަ ރެފްރީއަކަށެވެ. އަންހެން ފައިނަލް މެޗްގައި ވާދަކުރާނީ މޮރިޝަސް އާއި ރީޔޫނިއަންއެވެ. އަދި ބީޗް ވޮލީ ބޯޅަ ފިރިހެންބައިގެ ފައިނަލް މެޗްގައި އިންމަ ރެފްރީކަން ކުރާނީ ފުރަތަމަ ރެފްރީއެއްގެ ގޮތުގައިއެވެ. އެއީވެސް މޮރިޝަސް އާއި ރީޔޫނިއަން މިދެ ޤައުމް ވާދަކުރާ މެޗެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗް ވޮލީއިން ރާއްޖެއިން ރިހި މެޑަލް ހޯދާފައިވާއިރު، ބީޗް ވޮލީގައި ރާއްޖޭން ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން 2-1 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ރީޔޫނިއަން އަތުން 2-0 އިން ބަލިވެފައެވެ. އެކަމަކު އިއްޔެ މޮރިޝަސްގެ މައްޗަށް 2-1 އިން ކުރި ހޯދައި އުއްމީދު އާ ކުރިއެވެ. އަދި މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވިއެވެ. އެ މެޗުން މޮޅުވެ ރާއްޖެ އަށް ރިހި މެޑަލް ހޯދުމުގެ އުއްމީދު ބޮޑުވިއެވެ. ރާއްޖެ އަށް ރިހި މެޑަލް ޔަގީންވީ ފަހު މެޗުގައި މޮރިޝަސް އަތުން ރީޔޫނިއަން މޮޅުވުމުންނެވެ. މިއީ ބީޗް ވޮލީ ބޯޅަ އިން މިހާތަނަށް ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީއެވެ.
ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބީޗް ވޮލީ ބޯޅަ ޓީމުގައި ހިމެނެނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)، އާދަމް ނަސީމް (އެޑަމް)، އަހުމަދު މުހައްމަދު އަދި މުހައްމަދު އަލީ އެވެ. ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ)އެވެ.
ރާއްޖޭގެ އެކްޓިން ހަމައެކަނި ބީޗް އެފްއައިވިބީ އިންޓަރނޭޝަނަލް ރެފްރީއަކީ ކުރީގެ ވީއޭއެމެގް ޖެނެރަލް ސެކެޓްރީ ހުސެއިން މުޙައްމަދެވެ. ބީޗް ރެފްރީ އިސްމާޢީލް އަބްދުﷲ (އިންމަ)އަކީ ރާއްޖޭގައި ހުރި ހަމައެކަނި އޭވީސީ ކެޑިޓޭޓް ރެފްރީއެވެ.