ހުކުރު ދުވަހަކީ ޓީޗަރުން މަސައްކަތަށް ނުކުންނަށް ނުޖެހޭ، ޗުއްޓީ ދުވަހެއްގެ ގޮތުގައި ހޭދަކުރާ ދުވަހަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމަށް ޓީޗަރސް އެސޯސިއޭޝަނުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ސްކޫލުތަކުގައި ހުކުރު ދުވަހުވެސް އިތުރު ގަޑީގެ ޙަރަކާތްތައް ހިންގަމުންދާތީކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ތަޢުލީމީދާއިރާގައި ހުރި މައްސަލަތަކާއި ޓީޗަރުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓީޗަރސް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ހުކުރު ދުވަހަކީ ޓީޗަރުން މަސައްކަތަށް ނުނިކުންނަ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްކުރުމަށް ޓީޗަރސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އެ އެސޯސިއޭޝަނުން ވަނީ ހުކުރު ދުވަހަކީ ސްކޫލުތަކުގައި އިތުރުގަޑީގެ ޙަރަކާތްތައް ކުރިއަށް ނުގެންދާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ނިންމާފައެވެ.
ޓީޗަރސް އެސޯސިއޭޝަނުން ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓީޗަރސް އެސޯސިއޭޝަންގެ ރައީސް އާތިފް ޢަބްދުލްޙަކީމް ވިދާޅުވީ މިގޮތަށް ނިންމީ ގިނަ ޓީޗަރުން ހުއްޓުމެއްނެތި ބުރަކޮށް މަސައްކަތްކުރަންޖެހޭތީ، އޭގެ ސަބަބުން އިޖުތިމާޢީ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާތީ ކަމަށެވެ. އެގޮތުން ގިނަ ވަގުތު ބުރަކޮށް މަސައްކަތްކުރަންޖެހުމުގެ ސަބަބުން އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވުމާއި، ބައެއް ސިއްޙީ މައްސަލަތައްވެސް ދިމާވަމުން އަންނަ ކަމަށެވެ.
ޓީޗަރސް އެސޯސިއޭޝަނުން ބުނީ ހުކުރު ދުވަހު ސްކޫލްތަކުގައި ހިންގާ ޙާރަކާތްތަކަށް ޓީޗަރުން ނުނިކުންނަން ނިންމިނަމަވެސް ސަރުކާރުން ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި ޤައުމީ އެކި ދުވަސްތައް ފާހަގަކުރުމަށް ސްކޫލްތަކުގައި މިހާރުވެސް ޙަރަކާތްތެރިވާހެން ޓީޗަރުން މަސައްކަތްކުރަން ނިންމާފައިވާކަމަށެވެ. އަދި އެ އެސޯސިޢޭޝަނުން ވަނީ ޓީޗަރުންގެ ޙައްޤުގައި ކުރާ މަސައްކަތައް އެޑިއުކޭޝަން މިނިސްޓްރީގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައެވެ. ޓީޗަރުންގެ ޝަކުވާތައް އަޑުއެހުމަށް އެކި ރަށްރަށަށް ދިޔުމަށް ތައްޔާރުވަމުންދާކަމަށްވެސް ޓީޗަރސް އެސޯސިއޭޝަނުން ބުނެއެވެ