ރަޙުމަތްތެރިކަމުގެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާ ދެމެހެއްޓިއްޖެނަމަ ރާއްޖެއިން ވާޞިލުވާން ބޭނުންވާ ލަނޑުދަނޑިއަށް ދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އަތުގުޅާލުމުގެ ޙަރަކާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވީ މިފަދަ ދުވަހަކާއި ގުޅިގެން ނަމަވެސް ދިވެހިން މިއަދު ދެއްކި ތީރި ނަމޫނާގެ މަތީގައި ދެމިތިބެވިއްޖެނަމަ ދިވެހިން ޙާސިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ޙާސިލުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.
ނާއިބް ރައީސް ވިދާޅުވީ ދިވެހިންނަނީ އަބަދުވެސް އެކުވެރިބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބަޔަކަށް ވީނަމަވެސް މިކަމަށް ކޮންމެވެސްވަރެއްގެ ހީނަރުކަމެއް ފާއިތުވި އަހަރުތަކުގައި އައިސްފައިވާކަމަށެވެ. އަދި މިފަދަ ޙާރަކާތެއް ހިންގުމުގެ ސަބަބުން އަދިވެސް ދިވެހިންގެ މެދުގައި ކުރީގައި އޮތްފަދަ އެކުވެރިކަމާއި ކުލުނުވެރިކަން އޮތްކަން ހާމަވެގެންދާކަމަށެވެ. އަދި މިކަން ދެމެހެއްޓުމަށް ހުރިހާ ދިވެހިންގެ ކިބައިން ނާއިބު ރައީސްވަނީ އެދިވަޑައިގެންފައެވެ.
މާލޭގައި ރަޙުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޮޑުތަކުރުފާނު މަގުގައި ބޭއްވި އަތުގުޅާލުމުގެ ހަރަކާތުގައި އެކި ސްކޫލްތަކާއި ސަރުކާރުގެ މުވައްސަސާތަކާއި އޮފީސްތަކުން ބައިވެރިވެފައިވާއިރު މިދުވަސް ރާއްޖޭގައި ފާހަގަކޮށްފައިމިވަނީ ފުރަތަމަ ފަހަރަށެވެ.
ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އަތުގުޅާލުމުގެ ޙަރަކާތަކީ ބައިނަލްއަޤުވާމީ ރަޙްމަތްތެރިންގެ ދުވަހާއި ގުޅިގެން ދިވެހިންނާއި ރާއްޖޭގައި އުޅޭ އެކި ޤައުމުތަކުގެ މީހުން އެއްވަގުތެއްގައި އެއްތަނަކުން ބައްދަލުވެ އެކުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މިޙަރަކާތުގައި ނާއިބު ރައީސާއި ގިނަ ޢަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންވެސްވަނީ މިޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.