ދުނިޔެ

އިންޑިޔާގެ 2 ސްޓޭޓެއްގައި ގިނައިރު އަވީގައި ނޫޅުމަށް އަންގައިފި


އިންޑިޔާގެ ދެ ސްޓޭޓެއް ކަމަށްވާ ޓަލަންގަނާއާއި އަންދްރާ ޕްރަދޭޝަށް ކުރިމަތިވި އާދަޔާ ޚިލާފު ހޫނެއްގެ ސަބަބުން 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާތީ އަވީގައި ގިނައިރު ނޫޅުމަށް އެދެ ސްޓޭޓްގެ ލޯކަލް ސަރުކާރުތަކުން ރައްޔިތުން އިލްތިމާސްކޮށްފިއެވެ.މިދެ ސްޓޭޓަށް ފާއިތުވި ތިން ދުވަހުގެ ތެރޭގައި އާދަޔާޚިލާފަށް ހޫނުވެ ހޫނުވެ ފިނި ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔުމާގުޅިގެން 500 އަށްވުރެ ގިނަ މީހުން މަރުވެ އެތައްބަޔަކު ބަލިވެގެން ހޮސްޕިޓަލްތަކުގައި ވަނީ އެނދުމަތިކޮށްފައެވެ.ހޫނު ގަދަވުމުގެ ސަބަބުން މަރުވި މީހުންގެ ހަގިގީ އަދަދު މިއަށްވުރެ އިތުރުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިޔާގެ ބޮޑު ބަޔަކަށް އާދަޔާޚިލާފަށް ހޫނުގަދަވެފައިވާއިރު ވެރިރަށް ނިއުދިއްލީ އާއި އެނޫން ބައެއް ސްޓޭޓްތަކުގެ ފިނި ހޫނުމިންވެސްވަނީ 45 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ.އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަންދުރަ ޕްރަދޭޝް އާއި ޓަލަންގާނާ އަދި އުތުރުގެ އެހެން ސްޓޭޓްތަކުގެ ހޫނުފިނިމިން އާދަޔާ ޚިލާފަށް މަތިވާނެކަމަށެވެ.