ކުޅިވަރު

ރަން ތަރިންނަށް ސްޓެލްކޯގެ މުވައްޒަފުންގެ ހޫނު މަރުޚަބާއެއް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދި އެތްލީޓުންނަށް މަރުޚަބާ ކިޔުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިންނާއި އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގްވެސް ބައިވެރިވެ ވަޑައިންގެންނެވިއެވެ.

އައިއޯއައިޖީގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓުން ރަން މެޑަލް ހޯދި ހަތަރު ކުޅުންތެރިންނާއި ބެޑްމިންޓަން އަންހެން ސިންގަލްސް ބައިން ރަން މެޑަލް އައިމިނަތު ނަބީހާ އަބްދުއްރައްޒާގު ހޯދި ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޓެލްކޯގެ ފަރާތުންވަނީ ހަނދާނީ ލިޔުމެއް އެ ކުޅުންތެރިންނަށް ދީފައެވެ. އަދި މީގެ އިތުރުން މި ފަސް ކުޅުންތެރިން ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުން ކުރާނެ ޖާޒީ ވަނީ ސްޓެލްކޯގެ ފަރާތުން ސްޕޮންސަރ ކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣްނީވަނީ މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގައި އޮންނަ އައިއޯއައިޖީގައި މިއަށްވުރެ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް މުޣްނީ ވިދާޅުވިއެވެ. 2023 ގެ އައިއޯއައިޖީގައި ރާއްޖޭގައި ބާއްވާއިރު، ސްޓެލްކޯގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް މުޣްނީ ވިދާޅުވިއެވެ.