ސިޔާސީ

ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ގެނެސްފި


މީގެ ހަފުތާއެއް ކުރިން ޓަގު ބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވައިފިއެވެ. ފުލުހުން ވިދާޅުވީ އަދީބު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އަދީބު ފިލައިގެން އިންޑިޔާއަށް ދިޔަ ނަމަވެސް އިންޑިޔާއިންވަނީ އޭނާ އެދުނު ގޮތައް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އަނބުރާ ފޮނުވާލައްވާފައިއެވެ. އަދީބު އިންޑިއާއަށް އެތެރެވަނިކޮށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން އެނާ ހުއްޓުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ފިލައިގެން ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މަހުގެ 27ވަނަ ދުވަހުކަމަށް ބެލެވެއެވެ.

ފިލައިގެން އަދީބު އިންޑިއާއަށް ދިޔަ މައްސަލާގައި ދިވެހިރާއްޖޭގެ ފުލުހުން ފިޔަވައި އިތުރު އިދާރާއަކުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އިންޑިއާގައި އަދީބު ހިފަހައްޓާފައި ހުރިތާ އެތައް ގަޑިއިރެއް ފަހުން ފުލުހުންގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ ''ފިއްލަވައިގެން ދާން މަސައްކަތްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް'' ކަމަށެވެ.

އިންޑިއާގެ ދުވަހު ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ. އަދި ޓަގު ބޯޓުގައި 9 މީހުން ރާއްޖެއަށްވަނީ އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތަކާއި އިންޑޮނޭޝިއާގެ 8 ރައްޔިތުންނެވެ.

މި ޓަގު ބޯޓު ރާއްޖެއިން މިދިޔަ މަހުގެ 27ވަނަ ދުވަހު ފުރިއިރު އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ ސޫތުކުޅިއާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

ފިލައިން ދިއުމަށްފަހު އަދީބުވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ.