ކުޅިވަރު

ކޮމިއުނިޓީ ޝީލްޑް މެޗާމެދު ދެ ކޯޗު ވެސް ހިތްހަމަޖެހިފައި


އިނގިރޭސި ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗާމެދު މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ ކޯޗުން ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި އެންމެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލުން 1-1އިން އެއްވަރުވުމުން ސިޓީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. 5-4 އިންނެވެ. ލިވަޕޫލަށް ނާކާމިޔާބުވީ ޖިއޯޖިއޯ ވައިނަލްޑަލް ޖެހި ޕެނަލްޓީ އެވެ. މި ޕެނަލްޓީ ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފަ އެވެ. މިއީ ސިޓީ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއްވެސް ޓީމަކަށް މެޗު އެއްކޮށް ކޮންޓްރޯލް ނުކުރެވުނު ކަމަށާއި ދެ ޓީމު ވެސް ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ދެ ޓީމަށް ވެސް ފެންވަރު ސާބިތުކޮށްލަން ލިބުނު ފުރުސަތެއް ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުގައި އޭނާގެ ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗަށް ފަހު ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރޫނޭއާއެކު އޭނާ ވާހަކަ ދެއްކި ކަމަށާއި ދެ ޓީމުން ވެސް ޕްރީސީޒަނާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

އިނގިރޭސި ލީގު މިދިޔަ ސީޒަނުގައި ކާމިޔާބު ކުރީ ސިޓީ އެވެ. އެއީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް ގިނައިން ހޯދައިގެންނެވެ. ނަމަވެސް މި ސީޒަނުގައި ކުރިއަށްވުރެ ލީގު ވާދަވެރިވާނެ ކަމަށް ދެ ޓީމުން ވެސް ބުނެ އެވެ.