ސެމްސަންގުގެ ނޯޓް ސީރީސްގެ އެންމެ ފަހު އެޑިޝަން، ގެލެކްސީ ނޯޓް 10 ދައްކާލާފައިވާއިރު ތަފާތު ފީޗާރސްތަކެއް މިފޯނުގައި ހިމަނާފައިވެއެވެ. އެހެންނަމަވެސް މި ފޯނާއެކު ސެމްސަންގުގެ އައިކޯނިކް 'ހެޑްފޯން ޖެކް" އެކުންފުނިން
ސެމްސަންގުން އަލަށް ބާޒާރަށް ނެރެފައިވާ ގެލެކްސީ ނޯޓް 10 އަކީ ގިނަ ބަޔަކު އެފޯނަކަށް އިންތިޒާރުކުރަމުން އަންނަ ފޯނެކެވެ. މިމަހުގެ 8 ވަނަ ދުވަހު ސެމްސަންގުން ގެލެކްސީ ނޯޓް 10 ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު ސެމްސަންގު ފޯނުތަކުގެ އައިކޯނިކް ފީޗާއެއްކަމަށްވާ 'ހެޑްފޯން ޖެކް ފީޗަރ' ހިމަނާފައެއް ނުވެއެވެ.
ސެމްސަންގގެ ހެޑްފޯން ފީޗަރއަކީ ސެމްސަންގުގެ ފޯނުތައް ތަފާތުކޮށްދިން ކަމެކެވެ. މަޝްހޫރު އެޕަލް، ވާވޭ އަދި ފޯނު އުފައްދާ އެހެނިހެން ކުންފުނިތަކުން މި ފީޗަރ އުވާލާ ޔޫ.އެސް.ބީ، ސީ ހެޑްފޯން ބޭނުންކުރާތާ އަހަރުތަކެއް ވެފައިވާއިރު ނޯޓް 10 ނެރުމާއި ހަމައަށް ވެސް ސެމްސަންގުން ހެޑްފޯން ޖެކް ބޭނުންކޮށްފައިވެއެވެ.
އެހެންނަމަވެސް، އަލަށް ތަޢާރަފްކުރި ނޯޓް 10 ގައި މި ފީޗަރ ނުހިމަނައި ސެމްސަންގުން ވަނީ ޔޫ.އެސް.ބީ- ސީ ހެޑްފޯންއެއް ހިމަނާފައެވެ. އެހެންކަމުން ދެން މި ފޯންތަކުގައި ބޭނުންކުރެވޭނީ ސީ ހެޑްފޯނާއި ބްލޫޓޫތް ވަޔަރލެސް ޑިވައިސްތައް އެކަންޏެވެ.
ސެމްސަންގުން އަލަށް ނެރުނު ގެލެކްސީ ނޯޓް ސީރީސްތަކުގެ ތެރެއިން ނޯޓް 10، ނޯޓް 10 ޕްލަސް އަދި ނޯޓް 10-5G ދައްކާލާފައިވައިރު މި ފޯނުތަކުގައި އައު ފީޗާރސްތައް ހިމަނަފައިވެއެވެ.
ކުރީގެ ނޯޓް ސީރީޒްގެ ފޯނުތަކަށް ވުރެ ލުއި އަދި ތުނިކޮށް ހަދާފައިވާ މި ފޯން ދެ ސައިޒަކަށް ލިބޭނެއެވެ. އެއީ 6.3 އިންޗާއި 6.8 އިންޗެވެ. 6.3 އިންޗީގެ ފޯނު ވިއްކަން ފަށާ އަގަކީ 949 އެމެރިކާ ޑޮލަރެވެ. އަދި 6.8 އިންޗީގެ ފޯނު ވިއްކަން ފަށާ އަގަކީ 1099 ޑޮލަރެވެ.
ހަތަރު ކުލައަކަށް ފޯނު ވިއްކާއިރު އޮގަސްޓު 8 އިން ފެށިގެން ފޯން ޕްރީ-އޯޑަރ ކުރުމަށް ހުޅުވާލެވޭނެއެވެ. އަދި އޮގަސްޓު 28 ގެ ފަހުން އޮންލައިންކޮށް ގަނެވޭނެކަމަށް ސެމްސަންގުން ބުނެއެވެ.
ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތުކޮށްދެނީ ފޯނުގެ ބޮޑު މިނާއި ފޯނުގައި އެކުލެވޭ 'އެސް ޕެން' ފީޗާރތެކެވެ. މިފަހަރު ސެމްސަންގުން ތަޢާރަފްކުރި އެސް ޕެންގައި 'އެއަރ ގެސްޗަރ' ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާރއެއް ބޭނުންކޮށްފައިވެއެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތްނުލައި ފޯނާއި ކުޅެލެވޭނެކަމަށް ސެމްސަންގުން ބުނެއެވެ.
ނޯޓް ފޯނުގެ ފަހަތުގައި ތިން ކެމެރާ ބޭނުންކޮށްފައިވާއިރު ކުރީކޮޅުގައި ބޭނުންކޮށްފައިވަނީ އެންމެ ކެމެރާއެކެވެ. އަދި އާންމުކޮށް ފްރޮންޓް ކެމެރާތައް ހުންނަ ސައިޒަށް ވުރެ މި ކެމެރާ ކުޑަކަމަށް ވެސް ފާހަގަކޮށްލެވެއެވެ.
ކެމެރާގެ ފީޗާސްތަކުގެ ތެރޭގައި ލައިވް ފޯކަސްއާއެކު ސްޕެޝަލް އިފެކްޓްސް ބޭނުންކުރުމާއި 'އެޑްވާންސްޑް ސުޕަރ ސްޓެޑީ ޓެކްނޮލޮޖީ' ހިމެނެއެވެ. އެގޮތުން މޯޝަން ވިޑީއޯތައް ތެޅުނަ ނުދީ ފުރިހަމަކަމާއެކު ނަގާލެވެއެވެ.
ނޯޓް 10 ފޯނުގެ ރެމްގައި 12 ޖީބީ އަދި ސްޓޯރޭޖްގައި 256 ޖީބީ ހިމަނާފައިވާއިރު މެމޮރީ ކާޑާއެކު މި ފޯނުގައި 1 ޓެރަބައިޓްގެ ސްޓޯރޭޖްއެއް ޤާއިމްކުރެވޭނެކަމަށް ސެމްސަންގުން ބުނެއެވެ. 4300 މިލިއަމްޕަޔަރުގެ ބެޓަރިއެއް ހިމެނޭއިރު 30 މިނެޓުގެ ޗާޖަކުން މުޅި ދުވަހަށް ހިފަހައްޓާލެވޭނެކަމަށް ސެމްސަންގުން ބުނެއެވެ.
ސެމްސަންގ ގެލެކްސީ ނޯޓަކީ ސްމާޓް ފޯން މާކެޓްގައި ކާމިޔާބު އަދި ތަފާތު ފޯނެކެވެ. ފޯނު ޕްރީ އޯޑަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 23 އޮގަސްޓުގެ ފަހުން ފޯނު ގަންނަން ލިބޭނެކަމަށް ސެމްސަންގުން ބުނެއެވެ.