ކުޅިވަރު

އެންމެ ރަނގަޅަށް ދަންނަނީ މަށޭ ބުނުން އެއީ ގޯހެއް - ނަޒީހު



އެންމެ ރަނގަޅަށް ކަންކަން ދަންނަނީ ތިންމަންނާއޭ ބުނުން އެއީ ގޯހެއް ކަމަށްބުނެ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި. ނަޒީހު މިހެން ބުނީ މިހަފްތާގައި ޔުނައިޓެޑް ވިކްޓަރީ މާޒިޔާ ބައްދަލު ކުރި މެޗަށްފަހު ވާހަކަދައްކަމުންނެވެ.

ނަޒީހު މިމޭރުމުން ވާހަކަ ދެއްކީ އިންޑިއޯޝަން އިލެންޑް ގޭމްސްއަށް އެއްމަހަށް ލީގުގެ ކުޅުން މެދު ކަނޑާލުމަށް ފަހު ވޯލްޑްކަޕް ކޮލިފައިންއަށް ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން އެއްމަހަށް ވުރެ ގިނަދުވަހަށް ލީގު މެދު ކަނޑާލުމާ ގުޅިގެންނެވެ. މި ވޭތުވެދިޔަ ހަތްދިހަ ދުވަހުގެ ތެރޭގައި ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅެފައިވަނީ ދެ މެޗެވެ. ނަޒީހު މިކަމަށް އިޝާރާތް ކުރަމުން ބުނީ އެންމެ މެޗެއް ކުޅުމަށްފަހު އަނެއްކާވެސް ޕްރީސީޒަނަކަށް ދާން ޖެހުނީ ކަމަށާއި މިކަންކަމުން އަންގައި ދެނީ ރޭވުންތެރިކަމެއް ނެތްކަންކަމަށެވެ. ނަޒީހު ބުނީ އަބަދު ޓްރެއިނިންގ ހަދަން ޖެހުމަކީ ކުޅުންތެރިންވެސް ފޫހިވާނެ ކަމެށް ކަމަށާއި މެޗެއް ނުކުޅެ މިހާ ގިނަދުވަސްވުމުން އެކަމުގެ އަސަރު ކުލަބަށްވެސް ކުރާކަމަށެވެ.

ނަޒީހު ބުނީ އޭނާ ހުރިހާ ކަމެއްގައި ވެސް މަޝްވާރާއަށް އިސްކަންދޭ ކޯޗެއް ކަމަށާއި އެހެންނަމެވެސް މިފަހަރު އެފްއޭމުން ގޮތް ނިންމީ މަޝްވާރު ކުރުމެއް ނެތިކަމަށެވެ. އޭނާ ބުނީ އެފްއޭމުން ކުލަބަތަކުގެ ކޯޗުންނާއެކު މީގެ އަށްމަސް ކުރިން ބައްދަލުކުރަން އެދުމުން އެބައްދަލުވުން ބޭއްވުނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. ނަޒީހު ބުނީ ކުއްލި ކުއްލިއަކަށް ކަންކަން ނިންމާ ކަމަށްވާނަމަ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ނަޒީހު ބުނީ ކިތަންމެ މޮޅު މީހަކުނަމަވެސް ކުއްލިކަށް ކަންތައްތައް ނިންމާކަމަށްވާ ނަމަ ގޯސް ހެދޭނެ ކަމަށާއި އެފަދަ ނިންމުންތަކުގެ ސަބަބުން ކަންކަން ގޯސްހާލަތަކަށް ދިޔުމަށް މަގުފަހިވާކަމަށެވެ. މިހަފްތާގައި ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ މާޒިޔާ ވާދަކޮށް ބަލިވީ 6-1 ލަނޑުންނެވެ.

" ކޮންމެހެން ބަލިވީމަ ދައްކާ ވާހަކައެއް ނޫންމީ. އެންމެ ފަހުން ނިލަންދޫ އަތުން މޮޅުވި މެޗަށްފަހު މިމެޗު ކުޅުނު ނަމަ މި ނަތީޖާ ނޫންކަންނޭގޭ ނުކުންނާނީ ، އެހެންނަމަ މިއަވުރެ ފަރަގު ކުޑަވީސް ، ސާޅީސް ދުވަސް ވަންދެން މިހާރު ޕްރީސީޒަނެއް ހަދަން މިޖެހެނީ އަބަދު ޓްރެއިނިން އަބަދު ޓްރެއިނިން ކުޅުންތެރިން ވެސް ފޫހިވާނެ އަބަދު ޓްރެއިނިން ހަދަން"
ނަޒީހު ބުނީ މެޗުން ތަފާތު ބޮޑުކޮށް ބަލިވުމުގެ ސަބަބުތަކުގެ ތެރޭގައި މިހާ ގިނަ ދުވަސްކޮށްފައި މެޗެއް ކުޅެން ޖެހުންވެސް ހިމެނޭ ކަމަށެވެ.