މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނާ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެ މެޗަށް ޤައުމީ ސްކޮޑް އެކުލަވާލައިފިއެވެ.
އެފްއޭއެމުން ވަނީ ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގެ ކުޅުންތެރިން ގައުމީ ޓީމަށް ވީއްލައިދިނުމަށް އެދި ކްލަބްތަކަށް ސިޓީ ފޮނުވައިފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގަށް ސެގާޓް ފުރުސަތު ނުދޭން ފެށީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުއާމް އާއި ޗައިނާގެ އިތުރުން ސީރިއާ އަދި ފިލިޕީންސާ އެއް ގްރޫޕެއްގައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގިނަ ޒުވާން ކުޅުންތެރިން ގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިން އަށް ތަޖުރިބާ ހޯދައިދޭން ކަމަށް ގައުމީ ކޯޗު ސެގާޓް ވަނީ ބުނެފައެވެ. އޭރު ބުނީ ވޯލްޑް ކަޕް ކޮލިފައިން އަށް ސީނިއާ ކުޅުންތެރިން ނަގާނެ ކަމަށާއި އައިއޯއައިޖީން ތަފާތު ދައްކާ ޒުވާން ކުޅުންތެރިންނަކީ ވެސް ކޮލިފައިންގައި މުހިއްމުވާނެ ކުޅުންތެރިން ކަމަށެވެ.
ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އަންނަ މަހުގެ 5 ގައި ކުޅެން ޖެހޭ މެޗާއި 10 ވަނަ ދުވަހު ރާއްޖެއާއި ޗައިނާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗަށް ރާއްޖޭގެ ގައުމީ ޓީމް ތައްޔާރުވުމުގެ ގޮތުން މާލޭގައި ފަރިތަކުރުންތައް ބޭއްވުމަށާއި މެލޭޝިޔާގައި ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ.