މިއަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ނުވަތަ އަންޑޮކިއުމެންޓެޑް މީހުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރަމުން ދިޔަ ދެހާހަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލެވިފައިވާއިރު މީގެތެރެއިން ޑިޕޯޓްކޮށްފައިވަނީ ހަތްދިހަ ނުވަފަރާތެއްކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހާމަކޮށްފިއެވެ.އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީ ހޯދުމުގެ މަސައްކަތް މިހާރުވެސް އެފަރާތުން ފުލުހުންނާ ގުޅިގެން ކުރަމުންދާކަމުގައެވެ. އެގޮތުން އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހަ ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަންއިން މައުލޫމާތުދެއެވެ. އަދި މި ހަމީހުންނަކީވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.މިމީހުންގެ ސްކްރީނިންގ ކުރިއަށްދާއިރު ލ އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށްގެނައި 62 ބިދޭސީންނާ އިމިގްރޭޝަނުން އިއްޔެ ހަވާލުވެފައިވާކަމަށާއި، މި މީހުންގެ ސްކްރީންކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އެފަރާތުން މައުލޫމާތުދެއެވެ.ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަމަށާއި މީގެ ތެރެއިން ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ ކުރިން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ބަލަމުންދާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އެގޮތުން ބިދޭސީން ފިލައިގެން އުޅެންޖެހެނީ ކޮންބައެއްގެ އިހުމާލުންތޯ ބަލާ ބިދޭސީން އަންޑޮކިއުމެންޓުންނަށް ވާންޖެހޭ ސަބަބު ހޯދާބަލަމުންދާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.