ޚަބަރު

ޢީދު ބަންދަށް ފަހު "ބަވަތި"ގެ ޓިކެޓު އޮލިމްޕަހުން



ދިވެހި ފިލްމް "ބަވަތި" ޢާއްމުންނާ ހަމަޔަށް އައުމަށް ވަގުތު ކުޑަތަން ވެއްޖެއެވެ. މި ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަޙީދު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު މި ފިލްމު އަޅުވަން ތައްޔާރު ވަމުން އަންނަ ކަމުގައެވެ. އިންތިޒާރުގައި ތިބި ބެލުންތެރިންނަށް މިހާރު މި އޮތީ ކުޑަ ދުވަސް ކޮޅެކެވެ. މި ފިލްމު އަޅުވަން ތައްޔާރު ވަމުން އަންނަ އިރު މިހާރު މި ފިލްމުގެ ވާހަކަ މިވަނީ ވައިގަ ހިފާފައެވެ.
މި ފިލްމަކީ މިދާއިރާއަށް މުޅިން އާ ފަންނާނެއް ކަމަށްވާ އިލްޔާސް ވަޙީދު ގެ ވާހަކަ އަކަށް އޭނާ ޑައިރެކްޓް ކޮށް ތައްޔާރު ކުރާ ފިލްމެކެވެ.

އިލްޔާސް ވަޙީދު ބުނީ ޢީދު ނިމުމަށް ފަހު މި އޮގަސްޓް 20 ފެށިގެން މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާއިރު ބަވަތި ގެ ޓިކެޓް ގަތުމަށް ޕްރީ- ބުކިންގ ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް. އަދި އަތޮޅު ތަކުގައި މިފިލްމު އަޅުވަން ބެނުންވާ ފަރާތް ތަކަށް އެ ފުރުޞަތު އެބައޮތް ކަމަށްވެސް ބުންޏެވެ. މިހާރު ކުރަމުން ދަނީ ފިލްމް އެޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީ ތައް ކަމަށްވެސް އޭނާ ބުނެއެވެ.

ބަވަތި މި ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި އަމާޒު ކޮށްފައި ވަނީ ޢާއިލީ މައްސަލަ ތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާ ގޮތުގެ މައްޗަށެވެ.
އެގޮތުން މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުންދާ ބަޠަލާ ނުޒުހަތު ޝުޢައިބު {ނުޒޫ}ގެ އިތުރަށް މުޅިން މިދާއިރާއަށް އާމޫނެއް ކަމަށްވާ އިފްނާޒް އަޙްމަދު ފިރާޤް އެވެ.

މި ފިލްމުގެ ޓްރެއިލާރ ތައް ބެލުންތެރިންނަށް ދައްކާ ލާފައިވާއިރު މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ފިލްމުގެ ޕްރޮމޯޝަނަލް ލަވަވެސް ބެލުންތެރިންނާ ހިސާބަށް ގެނެސްދިފައެވެ.

ހަމައެކަނި ޓްރެއިލާރ ތަކާއި ޕްރޮމޯޝަނަލް ލަވަ ރިލީސް ކުރި ހިސާބުން ފެށިގެންވެސް ގިނަ ބެލުންތެރިން މި ފިލްމަށް ކުރާ އުއްމީދު ބޮޑުވިކަން ޝޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުން އެގިގެން ދިޔައެވެ.