ވިލާ އެއަރއިން އޮޕަރޭޓްކުރަމުންދާ އެއަރލައިން، ފްލައިމީއަށް އިތުރު މަތިންދާބޯޓެއް އަންނަ އޮކްޓޯބަރު މަހުތެރޭ ގެނައުމަށް ހަމަޖެހިފައިވާކަމަށް އެއަރލައިނުން ބުނެފިއެވެ.
މިފަހަރު ފްލައިމީގެ ފްލީޓަށް އިތުރުކުރުމަށް ހަމަޖެހިފައިވަނީ އޭ.ޓީ.އާރު 72-600 މަރުކާގެ ބޯޓެކެވެ. މިބޯޓުގައި 72 އިކޮނޮމީ ސީޓު ހިމެނޭއިރު ފްލައިމީން މިހާރު ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް މިބޯޓު ދަތުރުކުރާނެކަމަށް ފްލައިމީން ބުނެއެވެ. އަދި އަލަށް ގެނައުމަށް ހަމަޖެހިފައިވާ މިބޯޓާއެކު ފްލައިމީގެ ޚިދުމަތްތައް ފުޅާވެގެންދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.
ފްލައިމީއަކީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ދަތުރުކުރަން ފެށި އެންމެ ފުރަތަމަ އެއަރލައިނެވެ. ފްލައިމީން ބ.ދަރަވަންދޫއާއި އދ.މާމިގިއްޔަށް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނައިރު އަލަށް ގެންނަ ފްލައިޓާއެކު ފްލައިމީގެ މަތިންދާބޯޓުގެ އަދަދު 04އަށް އަރާނެއެވެ.
ފްލައިމީއިން ދަނީ އެއް އަހަރުން އަނެއް އަހަރަށް އެއަރލައިންގެ ޚިދުމަތް ފުޅާކުރަމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަރަށް އަވަހަށް އެއަރލައިންއިން ރާއްޖޭގައި ރިސޯޓްތަކަށް ސީ-ޕްލޭންގެ ޚިދުމަތްތައް ފަށާނެއެވެ. ފްލައިމީން މީގެ ކުރިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް ނިމުމުން ފްލައިމީގެ ސީ-ޕްލޭން އޮޕަރޭޝަންތައް ފަށާނެކަމަށެވެ.
ފްލައިމީން ސީ-ޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު ރާއްޖޭގައި މިހާރު ސީ-ޕްލޭންގެ ޚިދުމަތްދެނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ޓީ.އެމް.އޭއިންނެވެ. މީގެ އިތުރުން އެންމެފަހުން ރާއްޖޭގައި އެތެރޭގެ އުދުހުމުގެ ޚިދުމަތް ފެށި މަންޓާ އެއަރއިންވެސް ދަނީ ސީ-ޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.