ބޮލީވުޑްގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ފަންނާނަކީ އަޔުޝްމަން ކުރާނާއެވެ.
2012 ވަނަ އަހަރު ބޮލީވުޑްގެ ފިލްމީ ދުނިޔެއަށް ތަޢާރަފުވި އަޔުޝްމަންއަށް އޭނާގެ ކެރިއަރގެ ކުރީކޮޅު މާ ކާމިޔާބު ފިލްމް ތަކެއް ގެނެސް ދެވިފައި ނުވި ނަމަވެސް، ފަހަކަށް އައިސް އޭނާ ވަނީ ބެލުންތެރިން ގަޔާވާފަދަ ހިޓް ފިލްމްތަކެއް ގެނެސްދީފަ އެވެ.
އަޔުޝްމަންގެ ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ "ޑްރީމް ގާލް" މި ފިލްމެވެ. އަންނަ މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރާ މި ފިލްމްގެ އޮފިޝަލް ޓްރެއިލަރ މިހާރު ވަނީ ޢާއްމު ކޮށްފައެވެ. މި ފިލްމްގެ ޓްރެއިލަރއާ އެކު ފިލްމްގެ ތަފާތު ކަމާއި، ފިލްމުގައި އަޔުޝްމަން ދައްކުވައިދޭ ކެރެކްޓަރއަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުން ނެވެ.
ކޮމެޑީ އަދި ފެމެލީ ޑްރާމާ ޖޯންރާއަކަށް އުފައްދާ "ޑްރީމް ގާލް"އިން ދައްކުވައިދެނީ އަޔުޝްމަން ވަޒީފާއެއް ބޭނުންވެގެން ކުރާ ހެއްވާ މަޖާ ކަންތައް ތަކެކެވެ. އަދި އޭނާއަށް އަންހެނުންނަށް ޚާއްޞަ ކޯލް ސެންޓަރަކުން ވަޒީފާ ލިބުމާއެކު، އެ ވަޒީފާ ދެމެހެއްޓުމަށް އޭނާ ކުރާ ތަފާތު ކަންތައްތަކެއް މި ފިލްމުން ފެނިގެން ދެއެވެ. އެގޮތުން އޭނާގެ ނަން އަންހެން ނަމަކަށް ބަދަލުކޮށް، ކޯލްތަކަށް އަންހެން އަޑަކުން ޖަވާބުދޭން ފެށުމާއެކު ގިނަ ކަސްޓަމަރުންގެ ސަމާލުކަން ކޯލް ސެންޓަރަށް ލިބި، ފޯނުން ވާހަކަދައްކާ "ޑްރީމް ގާލް"ގެ ހަޤީޤަތް ހޯދުމަށް ގިނަ ބަޔަކު މަސައްކަތް ފަށައެވެ.
ހެއްވާ މަޖާ ކަންތައް ތަކެއްގެ އިތުރުން ލޯބީގެ ތަފާތު ކަންތައް ގަނޑެއްވެސް މި ފިލްމުން ފެނިގެންދާއިރު، ފިލްމުގައި އަޔުޝްމަނާއެކު ބަޠަލާއެއްގެ ރޯލުން ފެނިގެންދަނީ ނުޝްރަތް ބަރޫޗާއެވެ.
2018 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމް "އަންދާދޫން"އިން އެންމެ މޮޅު އެކްޓަރގެ ޤައުމީ އެވޯޑް އުފުލާލާފައިވާ އަޔުޝްމަން ގިނަ މީހުން ސިފަކުރަނީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ވާސަޓައިލް އެކްޓަރގެ ގޮތުގައެވެ. އޭނާގެ ކޮންމެ ފިލްމަކުންވެސް ތަފާތު މޮޅު އެކްޓިންގއެއް ދައްކުވައިދޭ ކަން ބޮލީވުޑްގެ ކަންކަން ވިލަރެސްކުރާ ފަރާތްކުން ބުނަމުންދެއެވެ.
ރާޖް ސާންދަލިޔާ ޑައިރެކްޓް ކޮށް އޭކްތާ ކަޕޫރާއި، ޝޮބާ ކަޕޫރްގެ އިތުރުން އާޝިޝް ސިންގް ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު ބޮކްސް އޮފީހުގެ ކުރީ ސަފުން ޖާގަ ހޯދިދާނޭތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.
ކޮންމެއަކަސް އަޔުޝްމަންގެ ފޭނުން މިހާރު އެންމެ އިންތިޒާރު ކުރަމުންދާނީ އަންނަ މަހު ރިލީޒްކުރާ "ޑްރީމް ގާލް" ބަލާލުމަށް ކަމާމެދު ޝައްކެއްވެސް ނެތެވެ. މި ފިލްމުން އަޔުޝްމަނަށް ހަޤީޤަތުގައި ވެސް "ޑްރީމް ގާލް" އަކަށް ވެވިދާނެބާއެވެ؟