ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު ކުޅުމުގެ ކުރިން ގްރޫޕްގައި ދެން ހިމެނޭ ނޭޕާލް އާއި ކިރްގިސްތާން ބައްދަލުުކުރާ މެޗު ބަލާލަން ލިބުމަކީ ޓީމަށް ލިބުނު އެޑްވާންޓޭޖެއްކަމަށް ކެޕްޓަން އަލީ ހުޒާމް ބުނެފިއެވެ.
ނޭޕާލްގެ ކަތަމަންޑޫގައި މާދަމާ ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި 7 ޤައުމެއް ވާދަކުރާއިރު، ރާއްޖެ ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ނެޕާލް އާއެކު ގްރޫޕް އޭގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ކިރްގިސްތާންއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.
މުބާރާތައް ތައްޔާރުވުމަށް ނޭޕާލްގައި ކުރިޔަށްގެންދިޔަ ދެވަނަ ފަރިތަކުރުންތަކަށްފަހު ކެޕްޓަން ހުޒާމް ބުނީ، މުބާރާތައް ތައްޔާރުވުމަށް ލަންކާއާއި ދެކޮޅަށް ނިކުތް ވިސްނުމުގައި ނުކުމެއްޖެނަމަ، ރާއްޖެއަށް ބަލިނުކުރެވޭނެވަރުގެ ޓީމެއް ނޯންނާނެކަމަށެވެ. އަދި މޮޅުވުމުގެ ވިސްނުމުގައި ނުކުމެއްޖެނަމަ އެކަން ނުވާންވީ ސަބަބެއް ނެތްކަމަށްވެސް ހުޒާމް ބުންޏެވެ.
ހުޒާމް ބުނީ މުބާރާތައް ނެޕާލްއަށް އައިސް އެއް ދުވަސް ފަރިތަކުރުންތައް ކުރިޔަށްގެންދިޔުމަށްފަހު ދެން އޮތީ މުބާރާތުގެ މެޗުތައް ކުޅެން ޖެހޭގޮތަށްކަމަށެވެ. ނަމަވެސް ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް އައިސް މިހާރު ގްރޫޕްގައި ހިމެނޭ ނޭޕާލް އާއި ކިރްގިސްތާންގެ މެޗު ބަލާލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއްކަމަށާއި، މުބާރާތައް ޓީމު އޮތީ ވަރަށް ފިޓުކޮށްކަމަށްވެސް ކެޕްޓަން ހުޒާމް ބުންޏެވެ.
"ރާއްޖޭގައި ލަންކާއިއެކު ތިން މެޗު ކުޅެފައި ދެން މުބާރާތައް އައިސް އެއް ދުވަސް ޕްރެކްޓިސް ކޮށްލަން ލިބިފައި ދެން ކުރިން ޝެޑިއުލް އޮތް ގޮތުން އޮތީ މުބާރާތުގެ މެޗުތައް ކުޅެންޖެހޭ ގޮތަށް. ދެން މިހާރު ޝެޑިއުލަށް ބޮޑު ބަދަލެއް އައިސް މިހާރު ގްރޫޕްގެ ކުރީގައި އޮންނަ ދެ ޓީމު ފުރަތަމަ މެޗު ކުޅެފައި އަހަރުމެން ކުޅެން މިޖެހެނީ. އެހެންވީމާ ގްރޫޕްގައި ހިމެނޭ ދެ ޓީމުގެ ކުޅުން ބަލާލާފައި އެތަނުން ޓީމަކާއި އެކީ ޓްރެއިނިންގ ހަދާފައި މެޗަށް ނުކުުތުމުން ފައިދާ ވާނެ". ކެޕްޓަން ހުޒާމް ބުންޏެވެ.
މުބާރާތުގެ ޝެޑިއުލް ކުރިން ރޭވިފައިއޮތް ގޮތުން މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރަން އޮތީ ދިވެހިރާއްޖެއާއި ނެޕާލް އެެވެ. ނަމަވެސް ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނެސް މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ނޭޕާލް އާއި ކިރްގިސްތާންއެވެ.
މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖެ ނުކުންނާނީ އަލީ ހުޒާމްގެ ކެޕްޓަންކަމުގެ ދަށުންނެވެ. ހުޒާމް ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ވޮލީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙުމަދު އަބްދުލް ކަރީމް (ލޯންގޭ) މި މުބާރާތައްފަހު ރިޓަޔަރ ކުރަން ނިންމުމާއި ގުޅިގެންނެވެ. ޤައުމީ ޓިމުގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއްގައި ކުރި އިޝާން އިބްރާހިމް (ބަޓިސް) ރިޓަޔާކުރުމުން ދެން މިއަަހަރުގެ ކުރީކޮޅުގައި ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ.