ސިޔާސީ

ކޯޓަށް ހާޒިރުު ކުރުވުމަށް ޝެއިހް އިމްރާން ހައްޔަރުކޮށްފި


ބަންދުގައި
ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި
އަމުރަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.




އިމްރާން އަބްދުﷲގެ
މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ބަންދުގައި
ބަހައްޓައިގެން ހާޒިރުކުރުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން އިމްރާން އަބްދުﷲ ރޭވަނީ
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ދައުލަތުން އޭނާގެ މައްޗަށް
ޓެރެރިޒަމްގެ ދައުވާއުފުލާފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު
އަދާލަތުޕާޓީން އިސްނަގައިގެން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް
ހިއްވަރުދިންކަމުގެ ތުހުމަތުގައެވެ. އިމްރާން އަބްދުﷲ ގެ އިތުރުން ޖުމުހޫރީ ޕާޓީގެ
ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމްގެ މައްޗަށްވެސް ދައުލަތުންވަނީ ހަމަ މިމައްސަލައިގައި
ޓެރެރިޒަމްގެ ދައުވާ އުފުލާފައެވެ.



އިމްރާން އަބްދުﷲ ގެ
އިތުރުން ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމާއި، ސޮބާހު ރަޝީދުގެ
މައްޗަށްވެސް ދައުލަތުންވަނީ ހަމަ މިމައްސަލައިގައި ޓެރެރިޒަމްގެ ދައުވާ އުފުލާފައެވެ.
މި 3 މައްސަލައިގެ އަޑުއެހުންތައް މިރޭ ފެށުމަށް ކްރިމިނަލް ކޯޓުންވަނީ
ތާވަލްކޮށްފައެވެ.



ޓެރެރިޒަމް
ހުއްޓުވުމާއި މަނާކުރުމާބެހޭ ޤާނޫނު ބުނާގޮތުން މީހެއްގެ މައްޗަށް ޓެރެރިޒަމްގެ
ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާދެދެމުގެ މުއްދަތުގެ ޖަލުހުކުމެއް
އަންނާނެއެވެ. އިދިކޮޅު ފަރާތްތަކުން މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި
މުޒާހަރާއާއި ގުޅިގެން އެމް.ޑީ.ޕީގެ ޗެއަރޕާސަން އަލީ ވަހީދުވެސް ފުލުހުން ވަނީ
ހައްޔަރުކޮށް މައްސަލަ ތަހްޤީޤްކޮށްފައެވެ. އަދި އަލީ ވަހީދުގެ މައްޗަށް
ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ހުށަހަޅާފައިވީނަމަވެސް އެ މައްސަލައާއި މެދު
ޕީޖީ އޮފީހުން ނިންމިގޮތެއް އަދި ސާފެއް ނުވެއެވެ.