2022ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2023ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިން ކޮލިފައިންގައި ރާއްޖެއިން އަމިއްލަ ޤައުމްގައި ކުޅޭ މެޗްތަކުން ނަތީޖާ ނެރެންޖެހޭކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓަމަންޓް ހެޑް އިހުސާން ޢަބްދުލް ޢަނީ (ސާންތި) ވިދާޅުވެއްޖެއެވެ.
މިފަހަރު އެފްއޭއެމްގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މިފަހަރުގެ ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ޗައިނާ، ސޫރިއާ، ފިލިޕީންސް އަދި ގުއާމާ އެއް ގްރޫޕެއްގައެވެ. މިހާރު ރާއްޖެއިންދަނީ ކޮލިފައިންގެ ފުރަތަމަ މެޗަށް ތައްޔާރުވުމަށް ސްރީލަންކާގައި ކޭމްޕްކުރަމުންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗްގައި އަންނަމަހުގެ 5ވަނަ ދުވަހު ރާއްޖޭ ވާދަކުރާނީ ގުއާމާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ގުއާމްގައެވެ. އަދި ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5ވަނަ ދުވަހު ޗައިނާއާއި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.
ކޮލިފައިންގެ މެޗްތަކާބެހޭގޮތުން ވާހަކަދައްކަވަމުން އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓަމަންޓް ހެޑް އިހުސާން އަބްދުލް ޢަނީ (ސާންތި) ވިދާޅުވީ ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވާ ގުރޫޕްއަކީ ވަރަށް ވަރުގަދަ ގުރޫޕްއެއްކަމަށެވެ. އަދި ރޭކިންއަށް ބަލާއިރު ޗައިނާއާއި ސޫރިޔާއަކީ މިގްރޫޕުން އެންމެ ވަރުގަދަ ދެ ޓީމްކަމަށްވެސް ސާންތި ވިދާޅުވިއެވެ. އަދި ފިލިޕީންސްއާއި ސޫރިޔާއަކީ ވާދަކުރެވޭ ވަރުގެ ދެޓީމުކަމަށާ މަސައްކަތްކޮށްފިނަމަ ޗައިނާއާއި ސޫރިޔާގެ މައްޗަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް ސާންތި ވިދާޅުވިއެވެ. އަދި މާލޭގައި ކުޅޭ މެޗްތަކުން ރަނގަޅު ނަތީޖާއެއް ނެރެންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދިވެހި ޓީމާކީ އަމިއްލަ ފަސްގަނޑުގައި އާދަޔާޚިލާފު ނަތީޖާ ނެރޭބައެއް. މިފަސް ގަނޑުގައި ޗައިނާއާއި ރާއްޖެ ވާދަކޮށް ޗައިނާ މޮޅުވީ އެކެއް ސުމަކުން. އަދި މީގެ ކުރިން ވަރުގަދަ ސައުތް ކޮރެއާއާވެސް އަޅުގަނޑުމެންވަނީ މިފަސް ގަނޑުގައި އެއްވަރުކޮށްފައެވެ. މިފަހަރު ކޮލިފިކޭޝަން މެޗްތަށް ރޭވިފައިވާ ގޮތުން އަމިއްލަ ފަސް ގަނޑުގައި ކުޅޭ މެޗްތަކުން ރަނގަޅު ނަތީޖާ ނެރެންޖެހޭ. ފުޓްބޯޅައަކީ ގޮތް ނޭންގޭ ކުޅިވަރެއް. ކޮންމެ ގޮތަކަށްވެސް ނަތީޖާ ނުކުމެދާނެ. އަޅުގަނޑުމެން އަމާޒަކާ އެކީގައި މިފަހަރު މިތައްޔާރުވަނީ. މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކުރެވިދާނެ،" ސާންތި ވިދާޅުވިއެވެ.
ސާންތި ވިދާޅުވީ މިފަހަރުގެ ޢައުމީ ޓީމަކީ ވަރަށް ޒުވާން ޓީމްއެއްކަމަށާ މިޒުވާން ޓީމްއާއެކު ރަނގަޅު ކަމިޔާބެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.