ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ލިބޭ މަންފާ އިތުރުކުރުމަށް އަދިވެސް ކުރެވޭނެކަންކަން އެބަހުރިކަމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ ރައީސް ޓަކަހިކޯ ނަކާއޯ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައިސް އޮފީހުގައި ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އޭޑީބީގެ ރައީސް ޓަކަހިކޯ ނަކާއޯ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ މީހުންގެ ޢަދަދު އިތުރުވުމަކީ ކުރިއެރުމެއްކަމަށެވެ. އެހެންނަމަވެސް އެކަމުން ލިބޭ މަންފާ އިތުރުކުރުމަށް އަދި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި އެފަދަ ފިޔަވަޅުތަކެއް ނާޅާނަމަ ފަތުރުވެރިންގެ ޢަދަދު އިތުރުވީނަމަވެސް ރާއްޖެއަށް ފައިދާ ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިންގެ ވަޒީފާގެ މިންވަރު އިތުރުކުރަން ޖެހޭކަމުގެ މައްޗަށާއި ޢާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުމުގެ މައްޗަށް އޭޑިބީގެ ރައިސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޤައުމުގެ ޢާމްދަނީ އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށް އޭނާވަނީ އަލިއާޅުއްވާ ލައްވާފައެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާގައި އެކި ރޮނގުރޮނގުން ވަޒީފާ އުފެއްދޭނެ ގޮތްތަކުގެ މައްޗަށް އޭނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އޭގެ ތެރެގައި ފިޝް ފަރމިން ރާއްޖޭގައި ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އޭޑިބީގެ ރައިސްވަނީ ލަފާދެއްވާފައެވެ.
އަދި އިންފްލޭޝަން ވަކި ހަމައެއްގައި ހިފަހައްޓައި ޤައުމު ކުރިއަށްދާ ނިސްބަތް އިތުރުވަމުންދާ ޤައުމެއްގެ ގޮތުގައި ރާއްޖެ އެތައް ދުވަހެއްގެގޮތުގައި ދެމިއޮތް އޮތުން އޭނާވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔެއަށް އެކި ދުވަސްވަރު އައިސްފައިވާ މާލި ދަތިތަކާއި ސުނާމީ ބޮޑު ކާރިސާއަށް ފަހުވެސް ރާއްޖެއިން ކުރިއެރުން ހޯދަމުން އަންނަނީ ފާހަގަކޮށްލެވޭ މިންވަރެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ.