ޑރ. އަޒްމިރާލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުޙައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވައިފިއެވެ.
އެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވެވީ އެ ބޭފުޅުން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީ އިން މިއަދު ހަވީރު ލަފާ އެރުއްވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކުރެއްވުމަށް ލަފާފުޅަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށްވެސް ފޮނުއްވާފައިވަނީ އެ ދެބޭފުޅުންގެ ނަންފުޅެވެ. ނަމަވެސް ޤާނޫނުގައިވާގޮތުގެ މަތިން ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުގެ ބެންޗަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލެއްވުމަށް ހުޅުވާލައްވާފައެވެ. އަދި އެ ފުރުޞަތުގައި ހައިކޯޓުގެ 4 ފަނޑިޔާރަކު އެ މަޤާމަށް ކުރިމަތިލައްވާފައިވާއިރު ޖޭއެސްސީން ވަނީ އެ 4 ބޭފުޅުންނާއި ރައީސް ލަފާފުޅަކަށް އެދިވަޑައިގެން ނަން ފޮނުއްވެވި ދެބޭފުޅުންނާވެސް ވަކިވަކިން އިންޓަރވިއު ކުރައްވާފައެވެ.
ފަނޑިޔާރުންގެ ޤާނޫގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހެއެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ލާފާދެއްވާފައިވާ ޑރ.އަޒްމިރާލްޑާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި އައިޝާ ޝުޖޫން އަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދާދިފަހުން އުފެދުނު ޤާނޫނީ ވަކީލުންގެ ކަންކަން މޮނިޓަރކުރާ ބާ ކައުންސިލްގެ މެންބަރެކެވެ. މީގެ އިތުރުން އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ)އަށް ދެފަރު އިންތިޚާބުވެވަޑައިގެންނެވި އައިޝާ ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޟީވެސްމެއެވެ.